އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ކެމްޕޭނުތަކެއް

އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ހާއްސަ ދެ ކެމްޕޭނެއް ފަށާ، ވާޗުއަލް އެގްޒިބިޝަނެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބައިވެރިވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ފަތުރުވެރިންނަށް އަލުން ހުޅުވާލުމާއެކު އެމްއެމްޕީއާރްސީން ވަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރުކޮށްފަ އެވެ.

އެގޮތުން އެމްއެމްޕީއާރްސީން އިއްޔެ ފެށި ފުރަތަމަ ކެމްޕެއިނަކީ އިންޑިޔާގެ އެންމެ މަގްބޫލު ވެޑިން ޕްލެޓްފޯމް ކަމަށްވާ ވެޑިންސުތުރާ އާއެކު ކުރިއަށް ގެންދާ ކެމްޕޭނެކެވެ. 

ވެޑިންސުތުރާއަކީ އިންޑިޔާގައި ވެޑިން އަދި ހަނީމޫނަށް ހާއްސަ ކުރެވިފައިވާ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގައި މިލިޔަނަކަށް ވުރެ ގިނަ ފަރާތްތައް ސަބްސްކްރައިބް ކޮށްފައި ވާއިރު, 2.5 މިލިޔަނަށް ވުރެ ގިނަ ފޮލޮވާސް ސޯޝަލް މީޑިޔާގައި ހިމެނެ އެވެ. 

އަލަށް ކައިވެނި ކުރާ ފަރާތްތަކާއި އަދި ހަނީމޫނަށް ދާން ބޭނުންވާ ފަރާތްތަކަށް ވެޑިންސޫތުރާ ޕްލެޓްފޯމް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެ އެވެ. ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ވެޑިންސުތުރާގެ ޕްލެޓްފޯމް އަދި ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން ރާއްޖޭގައި ހަނީމޫން ހޭދަކޮށްފައިވާ ފަރާތްތަކުގެ ވާހަކަތައް ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. 

އެމްއެމްޕީއާރްސީން ބުނީ ވެޑިން ސުތުރާ އާއެކު ކުރިއަށް ގެންދާ ކެމްޕެއިނުގެ މަގްސަދަކީ، ކޮވިޑް-19 އަށް ފަހު އަލުން ދަތުރުތައް ފަށާފައި ވާއިރު ރާއްޖެއަކީ އިންޑިޔާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު ހަނީމޫން މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުން ކަމަށެވެ. 

އެގޮތުން ރާއްޖޭގައި ވެޑިން އަދި ހަނީމޫނަށް ހާއްސަ ކުރެވިގެން ފޯރުކޮށްދޭ ހިދުމަތްތަކާއި ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާކުރެވެން ހުރި ކަންކަން މި ޕްލެޓްފޯމް މެދުވެރިކޮށް ކިޔައިދެމުން ދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

އެ ކޯޕަރޭޝަނުން ދެވަނައަށް ފެށި ކެމްޕޭނަކީ އިންޑިޔާގެ އެންމެ މަގްބޫލު އަދި އެންމެ ބޮޑެތި ރޭޑިޔޯ ޗެނަލްތަކާއި އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ. 

ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރެވިގެން ދާނީ އިންޑިޔާގެ ބޮޑެތި ސިޓީތައް ކަމުގައިވާ ދިއްލީ، މުމްބާއި، ބެންގަލޫރު، ކޮލްކައްތާ، ޗެންނާއި، އަހްމަދު އާބާދު، ތްރިވަނަންތަޕޫރަމް އަދި ކޮޗިންގައި މި ހިނގާ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީން ބުނީ މި ރޭޑިއޯ ކެމްޕެއިންގެ މަގްސަދަކީ، އެ ޗަނަލްތައް އަޑުއަހާ ފަރާތްތަކަށް ރާއްޖޭގެ ހިތްގައިމުކަން އަންގައިދީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބެން ހުންނަ ހާއްސަ ހިދުމަތްތަކާއި ފަތުވެރިންނަށް ކުރެވެން ހުންނަ ތަޖުރިބާތައް ވެސް އިޝްތިހާރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް ޝައުގުވެރި ކުރުވުން ކަމަށެވެ.

މި ކެމްޕެއިން މެދުވެރުކޮށް ރާއްޖޭގެ އިޝްތިހާރުތައް 20.8-29.7 މިލިއަން އަޑުއެހުންތެރިންނާ ހަމަަައަށް ވާސިލްވެގެން ދާނެ އެވެ. 

އޭގެ އިތުރުން ވެސް އިއްޔެ ކުރިއަށް ދިޔަ ސައުތު އޭޝިޔާގެ ފުރަތަމަ ވާޗުއަލް އެގްޒިބިޝަން ކަމުގައިވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް (ސާޓޭ ޖެން އެކްސް) ގައި ވެސް އެމްއެމްޕީއާރްސީން ވަނީ ބައިވެރިވެފަ އެވެ. 

އެ އެގްޒިބިޝަނަކީ އިންޑިއާގެ ޓްރެވަލް ޓްރޭޑުގެ ގިނަ ފަރާތްތަކަކުން ބައިވެރިވާ އިވެންޓަކަށް ވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޑިޔާގެ ގިނަ ކުންފުނިތަކަކާ އެއް ޕްލެޓްފޯމަކުން ބައްދަލުވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. 

ރާއްޖެ، އިންޑިއާ މާކެޓަށް އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި ބައިވެރިވި މި ފެއާގައި އެމްއެމްޕީއާރްސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ. 

އެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރެވިގެން ދާނީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ ވާޗުއަލް ޕެވީލިއަން އެއްގައި ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!