ހައިކޯޓުގެ އެސްއޯޕީ ނެރެފި

ދިވެހި ރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް، ނުވަތަ ސްޓޭންޑާޑް އޮޕްރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ނެރެފިއެވެ.

ހައިކޯޓުގެ އެސްއޯޕީ ނެރެދެއްވީ، ހައިކޯޓަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، ހައިކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު އަލްއުސްތާޒް އަލީ ސަމީރެވެ. ހައިކޯޓުން ފާހަގަކުރައްގޮތުގައި، ކޯޓުގެ މަސައްކަތްތައް ގެންދާނެ ގޮތް އެއްފޮތަކުން ފެންނާނެހެން ހެދުމަކީ މަސައްކަތްތައް ހިންގާއިރު ފެންވަރު ހިފެހެއްޓި، އޮޅުންތައް ނާރައި އޮމާންކޮށް ގެންދިއުމަށް މަގުފަހި ކޮށްދޭނެކަމެކެވެ. 

ހައިކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، ހައިކޯޓަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ސަޕްލިމެންޓްގެ އިތުރުން، ހައިކޯޓުގެ ތާރީހާއި މުހިއްމު އިވެންޓްތަކާއި ހިދުމަތަށް އައި ބަދަލުތަކަށް ބިނާކޮށް “ދިވެހިރާއްޖޭގެ ހައިކޯޓު: ޚިދުމަތުގައި 40 އަހަރު” ގެ ނަމުގައި ލިޔެފައިވާ ތާރީހީ ފޮތެއްވެސް ނަވީ ނެރެފައެވެ. 

މީގެއިތުރުން ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ހުރިހާ ހަރުފަތެއް ޓެކްނޮލޮޖީގެ ޒަރީއާއިން ފުރިހަމަ ކުރުމަށް ތައްޔާރުކޮށްފައިވާ ކޯޓް މޮޑިއުލްގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 40 އަހަރު ދުވަހުގެ ހިދުމަތަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ “ހިދުމަތުގައި 40 އަހަރު ވީޑިއޯ” ވަނީ ލޯންޗް ކޮށްފައެވެ. 

ހައިކޯޓުން ފާހަގަކުރާގޮތުގައި، ރާއްޖޭގެ ހައިކޯޓުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލްވެވޭނެ ފެންވަރު ރަގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!