ދަތިކަމެއް ނެތި އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ފިޔާ ލިބޭނެ

އިންޑިއާ އިން އެކްސްޕޯޓް ކުރަމުން އަންނަ ފިޔާ އަންނަ އަހަރުގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑަށް އެޑްރެސްކޮށް ކޮންސިއުމަރ އެފެއަރޒް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިނިސްޓްރީން ނިންމާފައިވަނީ މި އަހަރު ތެރޭގައި ރާއްޖެއަށް އެކްސްޕޯޓް ކޮށްފައިވާ ފިޔާގެ އަދަދުތައް މުޅި އަހަރު ދުވަހު އެކްސްޕޯޓް ކުރުމަށް ނިންމާފައިވާ ކޯޓާއިން އުނި ކުރުމަށްފަހު މި އަހަރުގެ ބާކީ އޮތް މަސްތަކާއި އަންނަ އަހަރުގެ މަސްތަކަށް އެކްސްޕޯޓް ކުރުމަށް ދީފައިވާ ކޯޓާއަށް ބަހާލެވިގެންދާ ގޮތަށް ފިޔާ އެކްސްޕޯޓު ކުރަމުން ދިއުމަށެވެ. ނަމަވެސް ފިޔާގެ ކޯޓާއަށް ބަދަލެއް އަންނަ ގޮތަށް އިރުޝާދެއް ދީފައިވީ ނަމަވެސް އެގޮތަށް ރަސްމީކޮށް ނިންމާފައި ނުވެއެވެ.

މީގެ އިތުރުން ފިޔާ އެކްސްޕޯޓް ކުރެވޭނީ ކުރިން އަހަރުތަކޭ އެއްގޮތަށް ސޫތުކުޅި ބަނދަރުން ކަމަށް ބުނެފައިވެއެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއި ގުޅިގެން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުން ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ ގައުމުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލާފައެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ސަޕްލައި އަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރި ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެމުންދާނެކަމުގެ ޔަޤީންކަން ދެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.

އިންޑިއާއިން ފިޔާގެ އެކި ބާވަތްތަކާއި އުފެއްދުންތައް އެކްސްޕޯޓް ކުރުން މަނާކުރުމަށްފަހު ފިޔާގެ އުފެއްދުންތަކުގެ ތެރެއިން ކޮށާފައި ހުންނަ ފިޔާގެ އިތުރުން ޕައުޑަރަށް ހަދާފައި ހުންނަ ފިޔާ އަދި ހިކި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން އަންގާރަ ދުވަހު ވަނީ ދީފައެވެ. އަންގާރަ ދުވަހުން ފެށިގެން ފިޔާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގައި އެއްވެސް ކަހަލަ މަނާކަމެއް ނެތްކަން އަންގާ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑަށް އެޑްރެސްކޮށް ކޮންސިއުމަރ އެފެއަރޒް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓް ކުރުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ 10000 ޓަނުގެ ބެންގްލޯރ ރޯސް އަދި ކްރިޝްނާޕޫރަމް ފިޔާއެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ބޫޓާނަށް ކުރިއަށް އޮތް ތިން މަހަށް، ކޮންމެ މަހެއްގެ މައްޗަށް 150 ޓަނުގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!