ހުޅުމާލޭ މަސް މާރުކޭޓު ހަވާލުކުރި ގޮތާއިމެދު އަމާޒުވި ފާޑުކިއުންތަކަށް އެޗްޑީސީއިން ރައްދު ދީފި

ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގަން ބަޔަކާ ހަވާލުކޮށްފައިވަނީ އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބުނެ، އެކަމާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިއުންތަކަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރައްދު ދީފި އެވެ.

އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޮވުމުގައި އެ ކޯޕަރޭޝަނުން އަމަލުކޮށްފައިވާ ގޮތާ މެދު މަސް ވިއްކާ ބައެއް ފަރާތްތަކާއި ރައްޔިތުންގެ ތެރެއިން ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ.

އެފަދަ ވަގުތީ މަސް މާރުކޭޓެއް ހިންގައި ބެލެހެއްޓޭނީ އެންމެ ފަރާތަކާ ހަވާލުކޮށްގެން ކަމަށް ގަބޫލުކުރެވޭއިރު، އެ ފަދަ ފަރާތެއް ހޮވުމުގައި އަމަލުކޮށްފައިވަނީ އުސޫލާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވަގުތީ މަސް މާރުކޭޓު އެއް އަހަރަށް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވަނީ މިދިއަ ޖުލައި މަހުގެ ތެރޭގައި އެވެ.

އަދި އިއުލާނުުގައި ވާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުންގެ މެދުގައި ނަގާ ގުރުއަތުން ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.

މަސް މާރުކޭޓު ހިންގާ ފަރާތުން އެޗްޑީސީ އަށް އެއްވެސް ކުއްޔެއް ދައްކަންނުޖެހޭއިރު، އެތަން ހިންގުމުގެ ފުރުސަތު ދޭނީ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!