ކޮވިޑަށް ކުރި ހޭދަ ދެ ބިލިއަނަށް

ކޮވިޑް-19 ގެ ސަބަބުން އަދި އެއާއި ގުޅިގެން ދައުލަތުން ކުރި ހަރަދުތަކުގެ ޖުމްލަ 2.3 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އިގެ ސިއްހީ ކަންކަމަށް މިހާތަނަށް 1.2 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. މީގެ އިތުރުން މި ބަލީގެ ސަބަބުން އިގްތިސޯދަށް ލިބިފައިވާ ގެއްލުނުން ސަލާމަތް ކުރަން ކުރަމުންދާ ހޭދައިގެ އަގު ވަނީ އެއް ބިލިއަން ރުފިޔާ ފަހަނަ އަޅާ ގޮސްފަ އެވެ. އެހެންވެ، މި ދެބައި އެއްކޮށް ބެލުމުން ހޭދަ ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތިވެ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެއީ ޖުމްލަ ހަރަދުގެ 88.3 އިންސައްތައަށް ވާ، 778.1 މިލިޔަން ރުފިޔާ އެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 200.4 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ސެޕްޓެމްބަރު މަހު 24 އިން އޮކްޓޯބަރު އެކަކަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީން ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ ކޮވިޑް ފެސިލިޓީތަކަށް ކުރަން ޖެހޭ ހަރަދުތަކާއި އެތަންތަނުގެ ކޭޓަރިން އަށް ދިޔަ ހަރަދެވެ. މިއާއެކު ހެލްތު މިނިސްޓްރީން ކުރި ހަރަދު ވަނީ 200 މިލިއަނަށް އަރައިފަ އެވެ.

ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ އައިޖީއެމްއެޗުންނެވެ. އެތަނުން މިދިޔަ ހަފްތާގައި އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާއިރު ޖުމްލަ ހަރަދު ވަނީ 74 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ސެޕްޓެމްބަރު މަހު 24 އިން އޮކްޓޯބަރު އެކަކަށް ކުރި ހަރަދުގެ ތެރެއިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފުން ހަރަދުކޮށްފައިވަނީ، ކޮންމެ ތަނަކުން ތިން ލައްކަ ރުފިޔާ އެވެ.

އެންސްޕާ އިން ހަތަރު ލައްކަ ރުފިޔާ ހަރަދުކުރި އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ދެ ލައްކަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކޮވިޑާއި ގުޅިގެން އިގްތިޞާދީ އެކި ކަންކަމަށް ކުރި ހަރަދުގެ ޖުމްލަ އަކީ 1.03 ބިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން ބޮޑުބައެއް ހަރަދުކޮށްފައި ވަނީ ރިކަވަރީ ލޯން ސްކީމަށެވެ. އެ ސްކީމަށް މިހާތަނަށް ހަރަދުކުރި ފައިސާގެ ޖުމްލައަކީ 900 މިލިޔަން ރުފިޔާ އެވެ. އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާ އަދި ކަރަންޓްބިލުން ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!