ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ އަންހެނެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

އެގޮތުން މި އޮކްޓޯބަރމަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓާއި، 16 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތީގެ އިތުރުން ގިނައަދަދެއްގެ ފައިސާ ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!