ޖީ20 ގައުމުތަކަށްދައްކަން ޖެހޭ ދަރަނިތައް އަންނަ އަހަރަށް ފަސްކޮށްދޭން އެދެފި

G20 ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ މުއްދަތު 2021ގެ ނިިޔަލަށް އިތުރު ކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އދ. ގެ އާންމު މަޖިލިހުގައި މިދިޔަ ހަފްތާގައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިވެހިންނަށް ލިބިގަންނަންވީ ފިލާވަޅުތައް ނުހަނު ގިނަ ކަމަށެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ ނިޒާމުގެ ތެރޭގައިވާ ތަފާތުތައް މީގެ ކުރިން، ނުފެންނަހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޖީ20 ގައުމުތަކަށް ދަރަނި އަނބުރާ ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމި ނިންމުމަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ދަރަނި އަނބުރާ ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމި ނިންމުމާއެކު، 31 ޑިސެމްބަރާއި 1 ޖެނުއަރީގެ ތަފާތަކީ އަހަރު ބަދަލުވުން އެކަނި ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ކުރިމަތިވެފައިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައި ވާތީ، ޖީ20ގެ ނިންމުން 2021 ވަނަ އަހަރުގެ ނިމުމާ ހަމައަށް ފަސްކޮށްދިނުމަށް އެ ގައުމުތަކުގެ ކިބައިން ޝާހިދު އެދިވަޑައިގަތެވެ.

ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދު އެންމެ ބޮޑަށް ބޭނުން ޖެހިފައި މިވަނީ ފެންވަރު ރަނގަޅު ބިނާތަކާއި އުސްލޫބީ ބަދަލުތަކާއި ފުޅާ ދާއިރާއެއްގައި ފަސޭހައިން ލިބޭ މާލީ އެހީތެރި ކަމެވެ. އަދި، ޖަޒީރާތަކުގެ ނާޒުކު ކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފަސޭހަ ކަމާއެކު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމުން އެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ހާއްސަ ފިޔަވަޅުތަކެއް ކަނޑައެޅިގެން ދާނެ ކަމަށް ވެސް މިނސްޓަރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!