މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފި

ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަން ހާމަކުރައްވާ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓްވެސް ނެރެފައެވެ. އެ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 12 ޖެހުމާއި ހަމައަށެވެ.

މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލަރޓްގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އެހެންނަމަވެސް އުތުރުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށްވެސް މޫސޫމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށާއި، ކަނޑުދަތުރުކުރައްވާ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދަތުރުކުރެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!