އަނިޔާވެރިނުވެ، ރައްޔިތުންގެ ހައްގުތައް ހޯދައި ދޭނަން: އިމްރާން

އެއްވެސް މީހަކަށް އަނިޔާވެރި ވުމެއްނެތި ޢަދުލުވެރިކަމާއި އެކު ރައްޔިތުންގެ ހައްގުތައް ހޯދައި ދެއްވާނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި 20 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާއި ގުޅިގެން 2015 ވަނަ އަހަރުގެ “މޭ ޑޭ”ގައި ކުރި މުޒާހަރާގެ ހަނދާންތައް އައު ކުރައްވައި، މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރުވެސް މަގުތަކަށް ނިކުމެ އަޑު އުފުއްލަވަމުން ގެންދެވީ، ރައްޔިތުންގެ ހައްގުތަކާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް ކަމަށެވެ. އަދި އޭރުވެސް ވިދާޅުވަމުން ދިޔައީ އަނިޔާވެރި ނުވެ އަދުލުވެރިކަމާއިއެކު ކަންކަން ކުރުމަށް ކަމުގައެވެ.

“އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތައް އަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރުވެސް ދެންނެވިން އަދި މިހާރުވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައި ދޭނަން” މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

“މޭ ޑޭ 2015 ގައި އެތައް ބައިވަރު ރައްޔިތުންނާއިއެކު މަގުމައްޗަށް ނިކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަވާހަކަ. މިއަދު އެކަމުގަ ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއިއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން” މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!