އަކްޝޭ ބޮލީވުޑް ދިފާއުކުރުމުން ސުޝާންތުގެ ފޭނުންނަށް ކަމަކުނުދިޔަ، ފިލްމުތައް ބޮއިކޮޓު ކުރަން ގޮވައިލަނީ!

ޖޫންމަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާއެކު ބޮލީވުޑްގައި ހުރި ގިނަ މައްސަލަތަކެއް ފެންމަތިވެއްޖެ ކަމަށާއި، ނަމަވެސް އޭގެ މާނައަކީ އެ އިންޑަސްޓްރީގައި މުޅިންވެސް އުޅެނީ ގޯސް މީހުން ކަން ނޫންކަމަށްބުނެ ކުޅަދާނަ އެކްޓަރު އަކްޝޭ މީގެ ދެދުވަސް ކުރިން ހިއްސާކުރި ވީޑިއޯއާ މެދު ސުޝާންތުގެ ފޭނުން ހިތްހަމަނުޖެހި، އަކްޝޭގެ ކުރިއަށް އޮތް ފިލްމު ބޮއިކޮޓު ކުރާނެ ކަމުގެ އިންޒާރުތައް ދޭން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އަކްޝޭ އޭނާގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ ފަށަމުން ބުނީ އެ ވާހަކަތައް ބުނަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، އަދި މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ދެކޭ ކަމަށެވެ. އެއާއެކު އަކްޝޭ ބޮޑަށް އަލިއަޅުވައިލީ ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައަށެވެ. އަދި މީޑިއާތަކުން ޙަބަރު ފަތުރާއިރު، ކުށެއްނެތް މީހުންގެ އަގު ވެއްޓިގެން ދާ ފަދަ ގޮތަށް ޙަބަރު ނުފެތުރުމަށް އިލްތިމާޒް ކޮށްފައިވެއެވެ.

އަކްޝޭ އެ ވީޑިއޯ ހިއްސާކުރި ދުވަހަކީ، ސުޝާންތުގެ މަރަކީ ޤަތުލެއް ކަން ނުބެލެވޭ ކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައީމްސް) އިން ރަސްމީކޮށް ނިންމި ދުވަހެވެ. އެހެންކަމުން ސުޝާންތުގެ ފޭނުން ދެކުނީ އެއީ އަކްޝޭ އެކަން ފާހަގަކުރަން ނެރުނު ވީޑިއޯއެއް ގޮތުގައެވެ.

މީގެ އިތުރުން ގިނަ ބަޔަކު ފާހަގަކުރި އެއް ކަމަކީ، ބޮލީވުޑްގައި މީހުން ބަލައިގަންނަ މީހަކަށްވެ ހުރެ މި ހުރިހާ ދުވަހަކު ސުޝާންތުގެ ދިފާއުގައި އަކްޝޭ އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމެވެ. އަދި ކުއްލިއަކަށް ބޮލީވުޑްގެ ނަން ހަރާބު ވެދާނެކަމުގެ ބިރަށް އެ އިންޑަސްޓްރީގެ ދިފާއުގައި ނުކުތީ ކަމަށްބުނެ އޭނާއަށް ފާޑުކިޔައިފައި ވެއެވެ. ހަމައެހެންމެ އެއީ އަކްޝޭގެ ފިލްމެއް އަޅުވާ ތާރީޚު ކައިރިވެފައި ވާތީ، މީހުންގެ ތާއީދު ހޯދާލަން ނެރުނު ވީޑިއޯއެއް ކަމަށްވެސް އެކަކު ބުނެފައިވެއެވެ.

އަންނަ މަހު އަޅުވަން އުޅޭ އަކްޝޭގެ “ލަކްޝްމީ ބޮމްބް” ބޮއިކޮޓު ކުރާނެ ކަމަށް ވެސް ސުޝާންތުގެ ފޭނުން ވަނީ އިންޒާރުދީފައެވެ. އަދި އެ ފިލްމަށް ހަދައިލާނީ މަހޭޝް ބަޓްގެ “ސަޅަކް 2” އަށް ހަދައިލި ގޮތް ކަމަށް އެއްބަޔަކު ބުންޏެވެ. “ސަޅަކް 2” އަކީ ބޮލީވުޑުން މިހާތަނަށް އެޅުވި އެންމެ ދަށް ރޭޓިންގ ލިބުނު ފިލްމެވެ. އެއީ ވެސް ސުޝާންތުގެ މަރަށްފަހު ބޮލީވުޑާ ދެކޮޅަށް ގިނަ ބަޔަކު ތެދުވުމުގެ ނަތީޖާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!