މިޝްޓީ މަރުވީ ކީޓޯ ޑައިޓުގެ ސަބަބުން!

މިދިޔަ ހުކުރު ދުވަހު މަރުވެފައިވާ ބޮލީވުޑް އެކްޓްރެސް މިޝްޓީ މުކަރްޖީގެ ކިޑްނީ ފެއިލްވީ ކީޓޯ ޑައިޓެއްގެ ސަބަބުން ކަމަށް އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނެފިއެވެ.

“ލައިފް ކީ ތޯ ލަގް ގަޔީ” ކިޔާ ފިލްމަކުން 2012 ވަނަ އަހަރު ބޮލީވުޑަށް ނުކުތް މިޝްޓީ މަރުވީ ހާލު ދެރަވެގެން ބެންގަލޫރޫ ގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓު ކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. އަދި ހޮނިހިރު ދުވަހު އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ މިޝްޓީ މަރުވީ ކީޓޯ ޑައިޓެއްގައި އުޅެނިކޮށް ކިޑްނީ ފެއިލްވެގެންނެވެ.

27 އަހަރުގެ އެކްޓްރެސް އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ފެނުނީ މިދިޔަ އަހަރު ނުކުތް “މަނިކަރްނިކާ” އިންނެވެ. އެއަށްފަހު ފިލްމީ މަސައްކަތަކާ ދުރުގައި އޭނާ ހުންނަތާ މިވަނީ ދުވަސްކޮޅެއް ވެފައެވެ.

ކީޓޯ ޑައިޓަކީ ކޮބާ؟

ކީޓޯޖީނިކް ނުވަތަ ކީޓޯ ޑައިޓަކީ ބަރުދަން ލުއިކުރުމުގެ ގޮތުން ކޮށް އުޅޭ ޑައިޓެކެވެ. އަދި މިއީ މިހާރު ވަރަށް މަޝްހޫރު ޑައިޓެއްވެސް މެއެވެ. މީގައި މައިގަނޑު ގޮތެއްގައި ކާން ޖެހެނީ ހައި-ފެޓް ކާނާއެވެ. އަދި ކާބޯހައިޑްރޭޓްސް އެއްގޮތަކަށްވެސް ނުކައި، ނުވަތަ ވީހާވެސް މަދުކުރަން ޖެހެއެވެ. ކާބޯހައިޑްރޭޓްސްގެ ބަދަލުގައި ފެޓް އެކުލެވޭ ކާނާ ކެއުމަކީ މި ޑައިޓުގެ މައިގަނޑު ޕްލޭނެވެ. އެގޮތުން ދުވާލަކު ކެއުމުގައި 75 އިންސައްތައިގެ ފެޓް އާއި 20 އިންސައްތަ ޕްރޮޓީން އަދި އެންމެ 5 އިންސައްތަ ކާބޯހައިޑްރޭޓްސް ކާންޖެހެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ކާބޯހައިޑްރޭޓްސް އާ އެއްކޮށް ދުރުވުމަށްފަހު، ފެޓްސް ގެ ބާވަތްތަކުން ހަކަތަ ހޯދުމެވެ. މިއަށް ކިޔަނީ ކީޓޯސިސް އެވެ.

ކީޓޯ ޑައިޓުގެ ސަބަބުން ހަށިގަނޑަށް ފައިދާތަކެއް ކުރިޔަސް، މާ ގިނަ ދުވަހު މި ޑައިޓު ކުރިއަށް ގެންދާނަމަ ސިއްހީ މައްސަލަތަކާ ކުރިމަތިވެދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި ބޮޑަށް އަސަރު ކުރާނީ ކިޑްނީއަށެވެ. އެގޮތުން ކިޑްނީގައި ހިލަ އުފެދުން އެކަށީގެންވެއެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!