ކަރަންޓީނުގައި ހުރެގެން ތައިމޫރު ކުރަނީ ކީއްކަން އެނގޭތަ؟

މަޝްހޫރު މީހުންގެ ދަރިން އުޅޭ ނޫޅޭ ގޮތް ބެލުމަކީ އެމީހުންގެ ފޭނުން ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ. އެގޮތުން ބޮލީވުޑް ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާނަކީ ގިނަ މީޑިއާތަކަކުން ވެސް ފޮލޯކުރަމުން އަންނަ ކުއްޖެކެވެ. އަދި ތައިމޫރުގެ ކޮންމެ ޙަބަރަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޙަބަރަކަށް ވެގެންދެއެވެ. މިފަހަރު އަނެއްކާވެސް މިއޮތީ ތައިމޫރުގެ އާ ވާހަކައެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި 3 އަހަރުގެ ތައިމޫރު ގޭގައި ހުރެގެން ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި ކުރަނީ ކީއްކަން މީޑިއާތަކަށް މިވަނީ ދާދިފަހުން އެނގިގެން ގޮސްފައެވެ. އެ ކަމަކީ އޮންލައިން ކޮށް ސްޕެނިޝް ބަސް ދަސްކުރުމެވެ. މިކަން މީޑިއާތަކަށް އެނގުނީ ތައިމޫރަށް ސްޕެނިޝް ކިޔަވައިދޭ ޓީޗަރު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުންނެވެ.

‘ލާރނިންގ ލިންގޯސް’ ނަމަކަށް ކިޔާ އޮންލައިން ކްލާހެއްގައި ތައިމޫރު ކިޔަވާކަން އަންގައިދޭ މި ފޮޓޯތަކުން ފެންނަނީ ޓީޗަރު އެޝްލީން އެސް. ޖޮލީ އާއެކު ތައިމޫރުގެ ގޭގެ ބޭރުގައި ހުންނަ ވިނަގަނޑުމަތީގައި ވަގުތު ހޭދަކުރާ މަންޒަރެވެ. އަދި ފޮޓޯގައި ލިޔެފައިވަނީ “އެންމެފަހުން އަހަރެންގެ ސްޕްނިޝް ކްލާސް ދަރިވަރާ ދިމާވެއްޖެ” ކަމަށެވެ. މި ފޮޓޯ ކަރީނާ ވެސް ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާ ކޮށްފައެވެ. އަދި ސްޕެނިޝް ބަސް ދެކެ ވަރަށް ލޯބިވާ ކަމަށް ކަރީނާ ލިޔެފައިވެއެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޝްލީން ތައިމޫރާ ބައްދަލުކުރަން ގުރްގާއޮން ގައި ހުންނަ ތައިމޫރުމެންގެ ޕަތައުޑީ ގަނޑުވަރަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ. އަދި އެ ފޮޓޯތަކަކީ އެ ޒިޔާރާތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.

މީގެ އިތުރުން އެޝްލީން ވަނީ ކަރީނާއާއެކު ވެސް ފޮޓޯއެއް ނަގައިފައެވެ.

ތައިމޫރު އޮންލައިންކޮށް ސްޕެނިޝް ކިޔަވާކަން އެނގިގެން ދިޔުމުން އެކަމުން ލިބޭ އެއް އިބުރަތަކީ، ގޭގައި ކަރަންޓީނުގައި ހުރެގެން ކޮންމެ މީހަކަށްވެސް ބޭނުންތެރި ކަންތައްތަކެއް ކުރެވިދާނެ ކަމެވެ. އަދި ކުޑަކުދިން ވެސް މި ދުވަސްވަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކޮންމެވެސް އާ އެއްޗެއް ދަސްކުރެވިދާނެ ކަމެވެ. ސްކޫލުތައް ބަންދުވެފައި އޮތުމުގެ މާނައަކީ ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކުރުމެއް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!