ފޮޓޯ: ގޫގުލް

އުލިގަމުގައި ޔޮޓް މެރީނާއަކާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަނީ

ހއ. އުލިގަމުގައި ޔޮޓް މެރީނާއަކާއެކު ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ބިޑް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އުލިގަމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓުއަރިސް ހޮޓަލަކާއެކު ޔޮޓު ބަނދަރެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެހެންކަމުން އެތަން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެހެންކަމުން ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ ކުރީން އެކަމަށް މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ. އަދި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ބީލަން ހުށަހެޅުމަށް ވަނީ މިނިސްޓްރީއިން ބުނެފައެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ބިޑު ޑޮކިއުމަންޓުތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ގަންނަން ހުންނާނެ އެވެ.

އުލިގަމަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ޔޮޓު ބަނދަރު ކުރާ ރަށެވެ. އެގޮތުން ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރުކުރާ ރަށުގައި ޔޮޓް ސާވިސް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ޔޮޓްތަކުން ކަސްޓަމްސްއަށް ނަގާ ފީގެ 75 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!