ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދަޢުވާ ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ވެސް ސާބިތުވެފައިވާތީ، މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތަކަށް ހުކުމް އިއްވައިފައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ތެރޭގައި ހިމެނެނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކުރި ޙުކުމާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުގެ އިތުރު ދަޢުވާއެއް ސާބިތުވެ 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން އިއްވި ޙުކުމެވެ. އަދި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށް ސާބިތުވެ 6 މަސް ދުވަހަށް ޖަލަށްލުމަށް ކުރި ޙުކުމެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިރުވެ އަދީބު އިތުރު 3 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ.

މީގެ އިތުރުން ފަސް ވަނަ ދައުވާއެއްގެ ގޮތުން މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން އަދި ހަވަނަ ދައުވާ އެއްގެ ގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކކުށް ސާބިތުވެ އެއް މަހާއި 15 ދުވަހަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ހަމައެހެންމެ ހަތް ވަނަ ދައުވާއެއްގެ ގޮތުން މަނީލޯންޑަރިންގެ ކުށުގެ ދައުވާއަށް ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން ވެސް ހިމެނެއެވެ. އެހެންކަމުން މިއީ މުޅި ޖުމްލަ ގާތްގަނޑަކަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެވެ.

އަދީބު ދައްްކަން ޖެހޭ މި ޖޫރިމަނާ މަސް ދުވަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ހުކުމް އިއްވަމުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!