މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތައް ވަކިވަކިން ތިބޭގޮތަށް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށްޓަކައި ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީނދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރެއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކި ފަހަރުމަތިން މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި ގުޅިގެން އެ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތުގެ ރިޕޯޓެއް ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ފޮނުވައިދިނުމަށެވެ.

ކޮމިޓީ ބައްދަލުވުމާއި ގުޅޭގޮތުން “ރާއްޖެއެމްވީ” އަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ވިދާޅުވީ މިގޮތަށް ތަރުތީބު ބަދަލުކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ހަތަރު މެމްބަރުންގެ ވޯޓުން ކަމަށެވެ. އެ ކޮމިޓީގައި ތިއްބަވަނީ 7 މެމްބަރުންނެވެ.

ދެން މިކަމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ދާނީ މަޖިލީހުގެ ތަޅުމަށެެވެ. އަދި މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާނެ ގޮތުގެ ތަރުތީބާމެދު މަޖިލީހުގެ ޖަލްސާއެއްގައި ނެގިގެންދާ ވޯޓުގައި ގޮތެއް ނިންމިގެންދާނެއެވެ. މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި އާންމު ކޮމިޓީއަށް ހުށައެޅީ މަޖިލީހުގެ އިދާރާއިންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު މެމްބަރުން މަސައްކަތް ކުރައްވަނީ އެ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ވިސްނުމާއި އެއްގޮތަށް ކަމަށްވާއިރު ޕާޓީތައް ވަކިވަކިން އިށީންދިގެން ތިބޭނަމަ އެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ދިރާސާގައި ބަޔާންކޮށްފައި ވެއެވެ. މި ތަރުތީބަށް ބަދަލު ގެނައުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމަށާއި އެއްވެސް ޤާނޫނަކަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މިކަން ކުރުމަށް ގަވާއިދަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން މިކަން ހަމަޖެހިގެންދާނެ ކަމަށް ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ކޮމިޓީގައި މެމްބަރުން ވަނީ މައިގަނޑު ދެ ގޮތަކަށް ޚިޔާލު ފާޅުކުރައްވާފައެވެ. ފުރަތަމަ ގޮތަކީ ހ، ށ ތަރުތީބުން ގޮނޑިތައް ހުންނަ ގޮތަށް ތަރުތީބު ކުރުމެވެ. މިހެން ބަދަލު ގެންނަން ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!