މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ނައިބު ރައީސް ފޮނުއްވައިފި

މިއަދު ފާހަގަކުރަމުން މިދާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ނައިބު ރައީސް ފައިސަލް ނަސީމް ފޮނުއްވައިފިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗް.އީ.ސީ.ސީ) ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި، ކޯވިޑް-19 ގެ މިހާރުގެ ހާލަތުގެ ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތު ކޮމިޓީގެ މެންބަރުން ރައިސޫލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. އަދި، މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ފާހަގަކޮށްލެވޭ ކަންކަމާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވެވި ކަންތައްތަކުގައި ކުރިއަށްދާނެ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ މި ހާލަތަކީ މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް އިހުސާސްވެގެން ދިޔަ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ވެސް ތަޢުލީމު ކުރިއަރުވައި މީހުން ބިނާކުރުންކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަނިކުފާނު ވަނީ މިއަދު ފާހަގަކުރަމުން މިދާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި އެ މަނިކުފާނު އަމިއްލަ ނަންފުޅުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.
 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!