ހުކުރު މިސްކިތުގެ އާބާތުރަފިލުވަން ޖެނުއަރީ މަހު ފެށުމާއި ގުޅޭ މަޝްވަރާކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާލޭ ހުކުރު މިސްކިތުގެ ކޮންސަވޭޝަން ޕްރެޖެކްޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ފަށަން އޮތް މަޝްރޫއު ކޯވިޑް-19 އާއި ގުޅިގެން މަޑުޖެހިފައިވާއިރު، މި މަޝްރޫއު އާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި ބައްދަލުކުރައްވާފައެވެ. 

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ އިސްމާއިލް ނާއިލް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި، ކޮންސަވޭޝަން ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށެވެ. 

ކޯވިޑް-19 އާއި ގުޅިގެން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ލަސްވެފައިވާތީ، ހުކުރު މިސްކިތް މިހާރު ވަނީ ވަގުތީގޮތުން މިމަހުގެ އެއްވަނަ ދުވަހު އާންމުންނަށް ހުޅުވާލާފައެވެ. މިސްކިތް ހުޅުވާލުމުގެ ކުރިން ހެރިޓޭޖް މިނިސްޓްރީން ވަނީ، މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ކަތުރުފަނި އެޅުމުގެ ސަބަބުން ގެއްލުންވެފައިވާ ލަކުޑިތަކާއި ހިރިގަލަށް ދޭން ޖެހޭ ޓްރީޓްމެންޓްތައް ދިނުމާއި، މިސްކިތުގެ ކާޕެޓް ނަގާ ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކޮށް ސާފުކުރެވޭ ފްލޯރިންނަކަށް ފްލޯރިން ބަދަލުކުރުމާއި، އަދި ގޯތިތެރެއަށް ވެލިލާ މިސްކިތުގައި ކުރަންހުރި މުހިންމު މަރާމާތުތައް ހެރިޓޭޖް މިނިސްޓްރީން ވަނީ ކޮށްފައެވެ. 

މިމަސައްކަތްތަށް ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލަށާއި ސްޓެލްކޯއާއި ގުޅިގެންނެވެ. 

އިންޑިއާސަރުކާރުގެ އެހީގައި ފެށުމަށް ޖަމަޖެހިފައިވާ ކޮންސަވެޝަން ޕްރޮޖެކްޓަކީ 1987ގެ ފަހުން ހުކުރު މިސްކިތުގައި ފެށުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއުއެވެ. އެގޮތުން ހުކުރު މިސްކިތުގެ އެންމެ ބޮޑު މަރާމާތެއް އެންމެ ފަހުން ކޮށްފައިވަނީ 1986އިން 1987އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!