އަދީބުގެ ދައުވާތައް ސާބިތުވާ ކަމަށް ނިންމައި، ހުކުމް ކުރުން މިއަދު އިރުއޮއްސި 6 ޖަހާއިރު!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އިއުތިރާފްވެ ވަޑައިގަތުމުން އަދަބެއްގެ ގޮތުގައި 20 އަހަރުގެ ޖަލު ހުކުމަކާއި ދެމިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް އަދީބާއެކު އެއްބަސްވެފައިވާ ކަމަށް ދައުލަތުން މިއަދު ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއް އަދީބަށް ވަނީ ކޮށްފަ އެވެ.

އުފުލި ދައުވާތަކަށް އެއްބަސްވި ހުކުމްތަކަކީ، ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް، ހަ މަސް ދުވަހަށް ޖަލަށް ލުން، ތިން މަސް ދުވަހަށް ޖަލަށް ލުން، ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

އަދީބާ އެކު އެއްބަސްވި އަދަބާ ބެހޭ ތަފްސީލް ދައުލަތުން ޝަރީއަތަށް ހުށަހެޅުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ހުކުމް ކުރުމުގެ ޝަރީއަތް މި މަހުގެ 12 ވަނަ ދުވަހު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ އަވަސް ނިޔާގެ މައްސަލައެއް ކަމަށް ވާތީ، އިއުތިރާފުވި ޝަރީއަތުގެ މަޖިލީހަށް ފަހު ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާ ކަމަށް ދައުލަތުން ފާހަގަކުރުމާ އެކު މިހާރު ވަނީ ވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލައިފަ އެވެ.

ޝަރީއަތުގެ އަޑުއެހުން އަލުން ފެށުމަށްފަހު، ގާޒީ ވިދާޅުވީ، މި ދައުވާތަކާއި ގުޅިގެން އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ހޯމަ ދުވަހުގެ އިރު އޮއްސި 6 ޖަހާއިރު، ބޭއްވޭނެ ކަމަށެވެ.

ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ވެސް، ދައުވާތަކުގެ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ދައުލަތުން ވަނީ އިތުރަށް ތަފްސީލް ކޮށްދެއްވާފަ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާ އަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

މިދިއަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، ދައުވާތަކަށް އިއުތިރާފްވާ ކަމަށެވެ. މީގެއިތުރުން ޕީޖީއާއި އަދީބުއާ ދެމެދު ވެވިފައިވާ އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން ވެސް ދެފަރާތުން ވާހަކަ ދެއްކެވިއެވެ. އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން، އަދީބު ވިދާޅުވީ، އެއީ ސައްހަ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.

އެހެންކަމުން ގާޒީ ވަނީ ޝަރީއަތަށް އެ އިއުތިރާފްގެ އެއްބަސްވުން ބަލައިގަންނަކަމަށް ނިންމަވާފަ އެވެ.

ނަމަވެސް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ، މިހާރު ވެވިފައިވާ އިއުތުރާފުގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ޕީޖީއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަދީބު ވިދާޅުވީ، މިހާރު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމާއެކު، އެދައުވާތަކާއި ގުޅިގެން އަންނަ އަދަބުތަކަށް އިތުރަށް ލުއިލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ އޭނާގެ ބަލި ހާލަތާއި ގުޅިގެންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުންނުވެ، އޭނާއާ ވަކި ބައެއް މިމައްސަލާގައި ޖަލަށްލުމަށް ބޭނުންވުމުން، އޭރު އެއްބާރުލުން ނުދިން ނަމަވެސް، ސަރުކާރު ބަދަލުވުމުން މިސަރުކާރަށް އެއްބާރުލުން ދެމުންދަނީ، މިސަރުކާރުން އިހުލާސްތެރިކަމާއެކު މިމައްސަލަތައް ބަލަން ބޭނުންވާތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ހަމައެކަނި އޭނާއާ ހަމައިން ނިމޭނެ މައްސަލައެއް ނޫންކަމަށާއި، އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަށް ކުއްޔަށް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް ރަށެއް ވިއްކާ ފައިސާ ނަގާފައި ނުވާނެ ކަމަށާއި، އެހުރިހާ މުއާލަމާތްތަކެއް ހިންގަމުންދިޔައީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، 2012 އާއި 2013 ވަނަ އަހަރުވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ކަމަށާއި، އޭރު ރަށްތަށް ކުއްޔަށް ދޫކުރަމުން ދިޔައީ ބިޑް ކޮށްގެން، ދެފުއް ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މެންޑޭޓަށް ބަދަލު ގެންނަވައި، ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަވައި، ރަށްތަށް ކުއްޔަން ދޫކުރަމުންދިޔައީ ރައީސް އޮފީހުން ރައީސް ދެއްވާ އިއުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަންުގެ އަމަލުތައް ހިންގީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެމްޕީއެލުން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރާ ހަމައިން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!