އުދަ އެރުން ދާއިމީކޮށް ހައްލުކުރެވޭނީ ސަބަބު ހޯދިގެން: އަސްލަމް

ރާއްޖޭގެ އެކި ހިސާބުތަކަށް ފަހަކަށް އައިސް އާދަޔާ ހިލާފަށް އުދަ އަރަމުން ދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ދިރާސާތައް ކުރަމުން ގެންދާ ކަމަށް ޕްލޭނިންގް އަދި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ލ. މާވަށަށް އުދަ އަރައި ގެއްލުން ލިބުނު ސަރަހައްދުގެ ހެދުމުގެ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ސާފު ކުރަން އެ ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިއަދު ރައްޔިތުންގެ މަޖިލީހުގައި އަސްލަމް ވިދާޅުވީ އުދަ އެރުން ފަދަ މައްސަލަތައް ރާއްޖެއަށް ކުރިމަތިވަމުން ދަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

އަދި ރާއްޖޭގެ ރަށްތަކަށް އުދަ އެރުމުގެ މައްސަލަ ހައްލު ކުރެވޭނީ އެކަން މެދުވެރިވާ ސަބަބު ރަނގަޅަށް އެނގިގެން ކަމަށެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ސައިންޓިފިކް ދިރާސާއެއް ހަދަމުންދާ ކަމަށާއި އެ ދިރާސާގެ ޝާއިއު ނުކުރާ ޑްރާފްޓެއް އެބައޮތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

“މިކަން ހައްލު ވާނެ ތާރީހެއް ބުނަން އަދި މާ އަވަސް. އެހެން ނަމަވެސް ރަށްތަކަށް ހޯދާނެ ހައްލެއް ދެނެގަތުމަށް ކުރަމުންދާ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދޭ. އޭގެ ނަތީޖާއަށް ފަހު މެނުވީ ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ޒިންމާދާރު ކަމެއް ނޫން،” އޭނާ އިތުރަށް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!