ދިރާސާ ބުރަވަނީ ސިޔާސީ ޕާޓީތައް ވަކިވަކިން މެމްބަރުން ތަޅުމުގައި ތިއްބަވާ ގޮތަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރުމަށް އެކަމާއި ގުޅޭގޮތުން ކުރި ދިރާސާއިން ބުރަވެފައިވަނީ ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސް ތަކުގައި މެމްބަރުން އިށީންދެ ވަޑައިގަންނަވާ ތަރުތީބު ހުރީ ޕާޓީތައް ވަކިވަކިން މަޖިލީހުގެ ސީޓިންގ އެރޭންޖްމަންޓް ހުންނަ ގޮތަށެވެ.

މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. މިކަމާއި ގުޅޭގޮތުން ކޮމިޓީން ގޮތެއް ނިންމުމާ ހަމަައަށް ދިޔުމުގެ ކުރިން ދުނިޔޭގައި ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގައި ސީޓިންގ އެރޭންޖްމަންޓް ހުންނަ ގޮތުގެ ދިރާސާއެއް ހެދުމަށް އިދާރީ މުވައްޒަފުންގެ ކިބައިން އެކޮމިޓީގެ މުގައްރިރު ހަސަން ލަތީފު ވަނީ އެދިވަޑައިގަންފައި އެވެ.

މި ދިރާސާ ވަނީ އާންމު ކޮމިޓީން އާދިއްތަ ދުވަހު ކުރިޔަށްދިޔަ ބައްދަލުވުމަށް ހުށަހަޅާފައެވެ. އަދި މިކަމާމެދު މަޖިލީހުން އަމަލުކުރުމަށް ކޮމިޓީއަށް ފެންނަ ގޮތްތަކުގެ މައްޗަށް ކޮމިޓީގައި ވަނީ ބަހުސް ކުރިޔަށް ގެންގޮސްފައެވެ.

ދިރާސާ ކޮމިޓީއަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ 45 ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ތިއްބަވާ ގޮތް މިދިރާސާގައި ހިމެނޭ ކަމަށެވެ. މިގައުމުތަކުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަލާއިރު ގިނަ ގައުމުތަކުގެ ތަރުތީބު ހަމަޖެހިފައިވަނީ މެމްބަރުން އިންތިޚާބުވެފައިވާ ޕާޓީތައް ނިސްބަތްވާ ގޮތަށް އިށީންދެވަޑައިގެން ތިއްބަވާ ގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެގޮތުން މިގައުމުތަކުގައި މަޖިލީހުގެ ރައީސްގެ ކަނާތްފަރާތުން ތިއްބަވަނީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ކަމަށާއި އަދި ވާތް ފަރާތުގައި ތިއްބަވަނީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ކަމަށާއި އަދި އިދިކޮޅު މެމްބަރުންގެ ފަހަތުގައި އަމިއްލަ މެމްބަރުން ތިއްބަވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ތަރުތީބުން މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ގޮތަށް ރިޔާސީ ނިޒާމެއް އޮތް ގައުމެއްގައި އޮތް ހަމައެކަނި ގައުމަކީ ފިލިޕީންސް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!