ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ދޮގު ޑޮކިއުމެންޓެއް ތައްޔާރު ކުރަން އުޅުނު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ހައިކޯޓުގެ ކުރީގެ ފަނޑިޔާރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ދޮގު ޑޮކިއުމެންޓެއް ތައްޔާރުކުރަން އުޅުނު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، މަރު ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ނެވެ.

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑުރު، މިއަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލުމުން ހަސަން އަލީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަމަށް ވެއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި، ހަސަން އަލީގެ ޕާސްޓް ހިފަހައްޓާފައިވަނީ، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު، އަނބުރާ ރާއްޖެ ވަޑައިގެންނެވުމުން ނެވެ.

ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރަން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިންނާއި ރައްޔިތުންގެ މަޖިލީހުން ނިންމައި، މަޖިލީހުގައި އެކަމަށް ނަގަންޖެހޭ ވޯޓަށް އެހުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ދާދިފަހަކާ ޖެހެންދެން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެކެވެ. އެ ޑޮކިއުމެންޓް ތައްޔާރުކުރަން އުޅުނީ ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައެވެ. ކުރީގެ ފަނޑިޔާރު ހަސަން އަލީ އޭރު ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހަސަން އަލީ ހުންނަވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސަމާލުކަމަށް މި މައްސަލަ ގެނައީ ވެސް މަރު ކޮމިޝަނުންނެވެ. މަރު ކޮމިޝަނުން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ ހަސަން އަލީ ފަނޑިޔާރު ކަމުގެ މަސްއޫލިއްތާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައެވެ.

ޖޭއެސްސީން ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެބަޔާނުގައި ޖޭއެސްސީން ބުނެފައިވަނީ، ފަނޑިޔާރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވަނިކޮށެވެ.

ޖޭއެސްސީން އަމުރު ފޮނުވާފައިވަނީ ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ފަހު އަޑުއެހުމަށެވެ. ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ، ފަހު މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ވެސް ކުރިއަށް ގެންދަނިކޮށެވެ. އޭރު އޭނާ ފަނޑިޔާރު ކަމުގެ މުސާރަ ނަންގަވައިގެން ގޭގައި ހުންނަތާ ވެސް 10 މަސްދުވަސް ވަނީ ވެފައެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ ރަޖިސްޓްރަރގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ކެމްޕެއިންތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!