ޕްރިންސިޕަލުންނާއި ގުޅޭ އުސޫލު ތަންފީޒު ކުރާނީ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށްފަހު: މިނިސްޓަރ

ސްކޫލްތަކުގައި މަސައްކަތް ކުރާ ޕްރިންސަޕަލުން މަސައްކަތް ކުރުމާއި ގުޅޭ އުސޫލު ތަންފީޒު ކުރާނީ، އެއުސޫލުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށްފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޕްރިސިޕަލުންގެ އުސޫލާއި މެދު ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި އެހެންނަމަވެސް އެއުސޫލުގައި ހުރި ބައެއް ކަންކަމާއި މެދު ކަންބޮޑުވުންތަކެއް ހުރުމުން މިވަގުތު ދަނީ އެކަންކަން މުރާޖާއާ ކުރަމުން ކަމަށެވެ.

އަދި އެ ކަންބޮޑުވުންތަކަށް ހައްލެއް ނުގެނެސް އުސޫލަށް އަމަލު ކުރަން ނުފައްޓާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން މުރާޖާ ކުރަނީ ޕްރިންސިޕަލުން ބަދަލު ކުރާ ގޮތާއި އަދި ބަދަލު ކުރާ އިރު އޮންނަ ފަސް މެންބަރުންގެ ކޮމިޓީ އާއި ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ހުރި ކަންކަމަށެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އުސޫލަށް އަމަލުކުރަން މަޑު ނުޖައްސާ ކަމަށާއި، ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެ އުސޫލުގައި ހުރި ބަދަލުކުރަން ޖެހޭ ބައެއް ކަންތައްތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއްކަމަކަށް އެ އުސޫލުގެ ދެތިން ނުކުތާއަކަށް ޕްރިންސިޕަލުން ކަންބޮޑުވުން ފާހަގަކުރައްވާފައި ހުރި ކަންތައްތަކާއި ގުޅިގެން އުސޫލު މުރާޖާއު ކުރުމުގެ ކަންތައް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވީ ގަވާއިދު އާންމު ކުރެވުމުން، އެއާއި އެއްކޮށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އުސޫލު އާންމުކުރި އިރު އުސޫލުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރަންޖެހޭ ކަންކަން އެއް އަހަރު ތެރޭގައި ނިންމުމަށް މުއްދަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ގަވާއިދު ހަދާ އެ އާންމު ކުރުމަށްފަހު ގަވާއިދާއި ގުޅިގެން އިދާރީގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން، ޕްރިންސިޕަލުންގެ ޓެނުއަރޝިޕް އަކީ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ސަރުކާރުގެ ވަކި ސްކޫލަކަށް އައްޔަން ކުރެވޭ މުއްދަތެވެ. މިގޮތުން ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒަފުންގެ ޓެނުއަރޝިޕް މުއްދަތަކީ މީލާދީ 4 ހަތަރު އަހަރު ކަމަށް ބުނެފައި ވެއެވެ. އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެއްފަރާތަކަށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭނީ ވިދިވިދިގެން ޖުމްލަ 8 އަހަރު ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ މި އުސޫލަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަން ކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށް ބުނެފައި ވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!