ނުހައްގު މުއްސަނދިކަމަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އިސްލާހު ހުށަހަޅައިފި

ދައުލަތުގެ މުވައްޒަފަކަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ނުހައްގު މުއްސަނދިކަށް ކުށަކަށް ހެދުމަށް މޫސާ ސިރާޖު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު، ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުމާއި، އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށެވެ.

އެފަދަ މީހެއްގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

އެ އިސްލާހުގައިވާގޮތުން، ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެންބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.

އެހެން ކަމުން އެފަދަ ކުށެއްގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން އިތުރުވަމުންދިޔުމާއި، އެފަދަ ޢަމަލުތައް ހިނގަމުންދާގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށް ކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއްކަމުގައި ވާތީ، އެ ފަދަ ކުށްތައް މިހާރަށް ފެތޭގޮތަށް ބަދަލުކޮށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައެވެ.

އެގޮތުން، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ކުށުގެ ޢަމަލު އިޞްލާޙު ކުރުމަށް މި ބިލުގއި ހުށައަޅާފައިވެއެވެ. އަދި އަލަށް ކަނޑައަޅާ ކުށްތަކުގެ ތެރޭގައި، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށް ވެސް ވަނީ ހިމަނާފައެވެ.

ބިލުގައި ވަނީ މި މާއްދާގެ ދަށުން ކުށުގެ ދަޢުވާ ލިބޭ މިހާކާއި އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މިލްކުކުރާ މުދާ، އެމީހެއްގެ ނަމުގައި އެހުރީ ދަޢުވާ ލިބޭ މީހާގެ ބޭނުމަށްޓަކައި، ނުވަތަ އޭނާއަށް މަންފާ ލިބިދެވޭ ގޮތަށް ކަމުގައި، ނުވަތަ އޭނާގެ ބާރު ހިނގާގޮތަށް ކަމުގައި ކޯޓަށް ސާބިތުކޮށް ދީފި ކަމަށްވާނަމަ، އެ މުދަލަކީ ދަޢުވާ ލިބޭ މީހާގެ ނަމުގައި ހުރި މުދަލެކޭ އެއްފަދައިން، އެމީހަކަށް ނިސްބަތް ކުރެވޭނެ މުދަލެއް ކަމަށް ވާނެ ކަމަށެވެ.

މިފަދަ ކުށެއް ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރު ކަމުގެ މަޤާމެއްގައި ހުރި ފަރާތަކުން ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެެއް ކަމަށް ބިލުގައިވެއެވެ. އެ ނޫން ޙާލަތްތަކުގައި އެކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ތިން ވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 8 އަހަރުގެ ޖަލު ހުކުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!