ކޭސްތައް ސާޅީހުން ތިރިވާނީ ދޮޅުމަސް ފަހުން

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުރެވުނު ލޮކްޑައުން އުވާލެވުނުއިރު ކޭސްތައް ހުރި އަދަދަށް ދަށް ވާން ދޮޅުމަސް ދުވަސް ނަގާފާނެ ކަމަށް ބެލެވޭ ކަމަށް ހެލްތް މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ޖޫން މަހު ލޮކްޑައުން އުވާލިއިރު ކޭސްތަކުގެ އަދަދުތައް ހުރީ 40 ގައި ކަމަށެވެ. އަދި ވައިރަހުގެ އިތުރު ރާޅެއް ނައިސް، އެ އަދަދަށް ކޭސްތައް ދަށްވާނެ ކަމަށް ބެލެވެނީ ދޮޅުމަސް ތެރޭގައި ކަމަށެވެ.

” ޖޫން މަހުގެ ތެރޭގައި ލޮކްޑައުން ލިފްޓް ކުރިއިރު އަޅުގަނޑުމެން ތިބީ ގާތްގަނޑަކަށް 40 ކޭސް ޕަރ 100،000 ށް ބަލާ ކަމަށް ވަންޏާ. މިހާރު މިތިބީ 140 ގައި.”

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން އަސްލަމް ވިދާޅުވީ ކޮވިޑުގެ ދެވަނަ ރާޅެއް އައުމަށްފަހު މިހާރު ފެންނަމުންދަނީ ކޭސްތައް މަދުވަމުންދާ މަންޒަރު ކަމަށެވެ. އަސްލަމް ވިދާޅުވީ މިހާރު ވައިރަހުގެ ރިޕްރޮޑަކްޝަން ނަމްބަރު ހުރީ އެކަކަށް ވުރެ ދަށުގައި ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރ މަހު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މިހާރު މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓް ކުރާ އަދަދުވަނީ 100ން ދަށަށް ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!