ޝާހިދު ޖާޒީ ކުޅެދޭ އަގު ކުޑަކޮށްފި

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ޕްރޮޖެކްޓެއް ކަމަށްވާ “ޖާޒީ” ފިލްމަށް އޭނާ ކިޔާފައިވާ އަގު ކުޑަކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް-19 ފެތުރުމުގެ ކުރިން ޝާހިދު ސޮއިކޮށްފައިވާ މި ފިލްމަށް ކުރިން ކިޔާފައިވާ އަގަކީ 33 ކުރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ކަމަށާއި، އަދި ފިލްމަށް ލިބޭ ފައިދާއިން ވެސް ވަކި އިންސައްތައެއް އޭނާއަށް ލިބޭ ގޮތަށް ޝަރުތުކޮށްގެން އެއްބަސްވެފައި އޮތް ފިލްމެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާހުރެ، ފިލްމު ހަދާ ފަރާތްތަކަށް މާލީ ނުތަނަވަސްކަން ވެރިވުމުން، “ޖާޒީ” ފިލްމު ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރަށް، ޝާހިދުގެ އަގު ކުޑަކުރުމަށް ހުށަހެޅުމުން އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

އެގޮތުން ކުރިން ކީ އަގުން 8 ކުރޯޑް ކަނޑާފައި، އަލަށް ކިއީ އަގަކީ 25 ކުރޯޑް އެވެ. މިކަމުގެ ސަބަބުން “ޖާޒީ” ފިލްމު ހަދާ ފަރާތްތަކުން ވަނީ ޝާހިދަށް ޝުކުރު އަދާކޮށްފައެވެ. އެއީ އަގު ކުޑަކުރަން ހުށަހެޅުމުން ފިލްމު ދޫކޮށްލުމުގެ ބަދަލުގައި އެކަމަށް އެއްބަސްވުމުންނެވެ.

“ޖާޒީ” އަކީ ގޯތަމް ތިނަނޫރީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ޝާހިދު ކުޅޭނީ ކްރިކެޓް ކުޅުންތެރިޔެއްގެ ރޯލެވެ. އަދި ފިލްމުން ޝާހިދާއެކު ފެންނާނެ ބަތަލާއަކީ މްރުނާލް ތާކުރެވެ. މި އަންނަ ނޮވެންބަރު މަހުގައި އަޅުވަން ތާވަލްކޮށްފައި އޮތް މި ފިލްމުގެ ޝޫޓިންގ ގެ ނުނިމު އޮތްބައި ދެހްރާދުން އަދި ޗަންޑީގަޅުގައި ކުރިއަށްދާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!