ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއި ގުޅޭ)

ނަޒީފު މަސައްކަތުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު، ބަނޑުހައިވެގެން ސަޔަށް ދިއުމަށް ގަސްދުކޮށް، ހިނގައިގަތްތަނާ، އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތްކަން ހަނދާނަށް އަތުވެއްޖެއެވެ. އެހެންކަމުން ސަޔަށް ދިޔައީ، އޮފީހުގެ ކުއްޖެއްގެ އަތުން، ފަހުން ދޭގޮތަށް ސަތޭކަ ރުފިޔާ ނަގައިގެންނެވެ.

ނާސްތާކޮށްލައިގެން އޮފީހަށް އައިސް ހަމަޖެހިލުމަށްފަހު، ނަޒީފު ގަސްދުކުރީ، ރަޝްފާއަށް ގުޅައިލުމަށެވެ. އެހެންކަމުން ޑައިރެކްޓަރީ ނަގައި، ނަންބަރު ހޯދާލުމަށްފަހު ގުޅާލައިފިއެވެ. ދެތިންފަހަރަކު ރިންގުވެލުމާއެކު އެކޮޅުން ފޯނުނަގައިފިއެވެ.

“ހަލޯ!” ބަރު ފިރިހެން އަޑެކެވެ.

“ރަޝްފާ އެބައުޅޭތޯ؟” ޖެހިލުންވެފައި އިނދެ ނަޒީފު އަހައިލިއެވެ. ރަޝްފާއާ ވާހަކަ ދައްކައިލާ ހިތް އޮތްލެއް ބޮޑުކަމުނެވެ.

“ތީ ކާކު؟” އެ އަޑުގައިހުރީ ހަރުކަށި ރާގެކެވެ.

“ރައް…… ރައްޓެއްސެއް!”

“މަޑުކޮށްލާ!” އަތްގަނޑު ބޭއްވިއަޑު އިވުނެވެ.

“ހަލޯ!” ކުޑައިރުކޮޅެއް ފަހުން ނަޒީފުގެ ކަންފަތުގައި ޖެހުނީ ރަޝްފާގެ އަޑެވެ. ހަމަ އެ މަޑުމައިތިރި ރާގުގައެވެ.

“ރަޝްފާ ދޯ!” ޔަގީންކަމާއެކު ނަޒީފު އަހައިލިއެވެ.

“އާނ! ކާކު؟” ރަޝްފާގެ އަޑުން ދޭހަވަނީ ބީރައްޓެހި ގޮތެކެވެ. ޖެހިލުންވެފައި ހުރިކަން ވެސް ދޭހަވެއެވެ.

“ނަޒީފޭ، ނޭނގުނުތަ؟”

“ކީއްކުރަން ތި ގުޅީ؟” އެ އަޑުގައި ހުރި ކަންބޮޑުވުމުގެ އަސަރު، ކުރިއަށްވުރެ ބޮޑުވިއެވެ.

“ހާލު ބަލައިލާންވެގެން ހަމަ ގުޅައިލީ. މިހާރު ބޭސް އަޅައިފިންތަ؟”

“އާނ! ކިހިނެއް ދެން ނަޒީފާ ދިމާވާނީ؟ އެބަ ޖެހޭ ބައްދަލުކޮށްލަން. އެކަމަކު އެހައި ފަސޭހައެއް ވެސް ނުވާނެ ކަންނޭނގެ!” ކުރިއަށްވުރެ ވެސް މަޑުން ރަޝްފާ ބުންޏެވެ.

“ރަޝްފާ ބުނި ގަޑިއަކަށް، ބުނި ތަނަކަށް އަހަރެން ހިނގައިދާނަން.” ނަޒީފަށް ލިބުނު ކުއްލި ސިހުމާއެކު، ހިތަށް އުފާވެރިކަމުގެ އޮއިވަރެއް ފެތުރިގެން ދިޔައެވެ.

“މިއަދު ހަވީރު އެއްކަލަ ފިހާރައަށް އަހަރެން ދާނަން.”

“އަހަރެން ވެސް ދާނަން.”

“ދެން ބާއްވަނީ. އެކަމަކު ދެން ފޯނު ނުކުރައްޗޭ!”

ނަޒީފަށް އެއްޗެއް ބުނާނޭ ފުރުސަތެއް ރަޝްފާ ނުދިނެވެ. ފޯނު ބާއްވައިފިއެވެ. އެހެންނަމަވެސް ނަޒީފު އިނީ ވަރަށް އުފާވެފައެވެ. ހީވެސް ނުކުރާހައި ފަސޭހައިން ހިތުގެ އެދުން ފުރިހަމަވުމުގެ ކޮޅުމަތި ދައްކާލުމުންނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގައި، އޮފީހުގެ މަސައްކަތްތައް ވެސް ކުރިޔަށް ދިޔައީ، އާދަޔާ ޚިލާފު ހަލުވިމިނެއްގައެވެ.

ހަވީރު ހަތަރެއްޖެހިއިރު ނަޒީފު ހުރީ އެ ފިހާރަ ކައިރީގައެވެ. ރަޝްފާގެ އިންތިޒާރުގައެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލައިލެވެއެވެ. މަގުގެ ދެ ކޮޅަށް ބަލައިލެވެއެވެ. ހަތަރުގަޑި ސާޅިސް ފަހެއް ހިނގިއިރު ވެސް ރަޝްފާގެ ޚަބަރެއްނުވެއެވެ.

ފަހެއް ޖެހިތަނާ ކަހަލަ ގޮތަކަށް ރަޝްފާ އަންނަތަން ފެނިއްޖެއެވެ. ގަޑިއެއްހައިއިރުގެ ފޮނި އިންތިޒާރަކަށްފަހުގައެވެ. ރަޝްފާ ފެނުމުން ނަޒީފުގެ ހިތް ތެޅިގަތެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ރަޝްފާގެ ސޫރަ ފެނުމުން އޭނާގެ ހިތަށް ފާޑެއްގެ ދިރުމެއް ލިބުނީ ކަންނޭނގެއެވެ.

ނަޒީފަށް ހުރެވުނީ ރަޝްފާއާ ދިމާއަށް ކަޅިޖަހައިނުލައި ބަލާށެވެ. ރޭގައި ފެނުނު އިރަށްވުރެ، މިއަދު ރަޝްފާ ފެންނަލެއް މާރީއްޗެވެ. ފުންފުން ދެލޮލެވެ. މާ ދިގު ނޫނަސް، ހެޔޮވަރުގެ ދިގު ރާޅުބާނި އިސްތަށިގަނޑެކެވެ. އާދައިގެ ދޮންކުލައެކެވެ. ތިރީ ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ގުދުރަތީގޮތުން ޖެހިފައިވެއެވެ. ރަޝްފާގެ ހިތްގައިމު ސިފަތަކަށް، ވަރަށް ދުރުން ނަޒީފު ސަމާލު ކުރުވައިފިއެވެ.

ހިކި ހިނިތުންވުމަކާއެކު އައިސް، ނަޒީފުގެ ކުރިމައްޗަށް ރަޝްފާ ހުއްޓިއްޖެއެވެ. ރަޝްފާގެ ނަޒަރުގައި ތަފާތު އެއްވެސް ކުލައެއް ނެތެވެ. ހަމަ އާދައިގެ ބެލުމެކެވެ. އާދައިގެ ހިނިތުންވުމެކެވެ.

“މި އޮތީ ބާކީ ފައިސާކޮޅު. މި ދޭންވެގެން އަންނަން ބުނީ!” ރަޝްފާގެ އަތް ނަޒީފާދިމާއަށް ދިއްކޮށްލިއެވެ.

ނަޒީފަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމައެއާއެކު އޭނާގެ މޫނުމަތީގައި ހުރި އުފާވެރި ކުލަވަރު ވަގުތުން އޮއްސިއްޖެއެވެ. ކަންތައްތައް މި ދިޔައީ އޭނާ ހީކުރިގޮތާ މުޅިން ތަފާތު ގޮތަކަށެވެ. އޭނާއަކަށް އެ ފައިސާކޮޅުގައި ހިފާނޭ ހިތްވަރެއް ނުލިބުނެވެ. އޭގައި ހިފާކަށް ބޭނުމެއް ވެސް ނޫނެވެ.

“ތިކަން އެނގުނުނަމަ ނުވެސް އައިމުސް!” ނަޒީފަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

“ނަސީބެއްނު ނުބުނެވުނުކަން.” ރަޝްފާ ހިނިތުންވެލިއެވެ.

“އެއީ ބާކީބައި އަނބުރާ ދޭގޮތަށް ދިން ފައިސާއެއް ނޫނޭ! އެހެންނޫނަސް އަދި ތި ތަނުގައި ބޭސް އަޅަން ވެސް ޖެހޭނެއެއްނު. އެހެންވީމާ ރަޝްފާ އަތުގައި ބަހައްޓާ!”

“އިރުއިރުކޮޅުން ބޭސް އަޅާން ދާކަށް މަށަކަށް އެހައި ފަސޭހައެއް ނުވާނެ!” ރަޝްފާ އިސްއޮބައިލިއެވެ

“އެހެންވިޔަސް ހެޔޮ! އަހަރެން ތިޔަކު ނުހިފާނަން!”

ރަޝްފާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އިސްއޮބައިލިގޮތަށް ހުރެވުނީއެވެ. އެއިރު އޭނާގެ އަތުތެރޭގައި އޮވެގެން، އެ ފައިސާކޮޅު ބޮނޑިބޮނޑިވަމުންދެއެވެ.

“ސުވާލެއް ކޮށްލަންތަ؟” ވަރަށް ހިތްވަރުކޮށްފައި ނަޒީފު އަހައިލިއެވެ.

ރަޝްފާ އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ނަޒީފުގެ މޫނަށް ބަލައިލީ، އާނއެކޭ ބުނާ ފަދަ ނަޒަރަކުންނެވެ.

“ހީވަނީ ރަޝްފާއަކީ ވަރަށް ބޮޑު މަޖުބޫރެއްގެ ތެރޭގައި އުޅެމުން އަންނަ ކުއްޖެންހެން. ރަނގަޅަށްތަ މި ހީވަނީ؟”

ރަޝްފާ އަކަށް ނަޒީފުގެ އެ ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. ޖަވާބު ނުދެވުނީކަމެއް ނުވަތަ ޖަވާބުދޭން ބޭނުންނުވީކަމެއް ނޭނގެއެވެ. އޭނާ އިސް އޮބައިލީ ހިތްދަތިކަމާއެކުގައެވެ.

“ބުނެބަލަ!”

“އެވާހަކަ ދައްކައިގެން އަހަންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ!” ރަޝްފާގެ އަޑުގައި ރިހުމެއް އެކުލެވިއްޖެއެވެ.

“އަހަންނަށް ވެދެވެން އޮތް އެހީއެއް ވެދޭނަން” ނަޒީފުގެ ހިތުގައި ރަޝްފާއާމެދު އުފެދިފައިވަނީ ލޯތްބާއި ހަމްދަރުދީއެވެ.

“އެއީ ވަރަށް ދިގުވާހަކައެއް! މިހާރަކު ވަގުތެއް ނެތް! އެކަމަކު ނަޒީފު ތި ސުވާލު ކުރީތީ ކުރުގޮތަކަށް ކިޔާލަދީފާނަން.”  ރަޝްފާ ހިންދިރުވައިލިއެވެ. އަދި އެތާ ކައިރީގައި ހުރި ހޮޅިދަނޑީގައި އަތްވިދެލުމަށްފަހު، ނަޒީފާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“އަހަންނަކީ މާލޭގައި ގެދޮރު ހުރި، މާލެއަށް އުފަން ކުއްޖެކޭ ބުނުމުން ނަޒީފު ހައިރާންވާނެ ކަންނޭނގެ. އެކަމަކު އަހަރެންގެ މަންމައާއި ބައްޕައަކީ މާލޭ ދެ މީހުން. ބައްޕައަކީ، މާލޭގެ ނިސްބަތުން ބަލާއިރު، ބޮޑު ގޯއްޗެއް ވެސް އޮތް މީހެއް. އަހަރެން ވަރަށް ޅައުމުރުގައި މަންމަ ނިޔާވެއްޖެ.”

ރަޝްފާގެ ވާހަކަ އަޑުއަހަމުން ދިޔަވަރަކަށް ނަޒީފުގެ ހިތުގައި ރަޝްފާއާ ދޭތެރޭ އުފެދިފައިވާ ހަމްދަރުދީ އައީ އިތުރުވުމުންނެވެ. ކުޑައިރު އެހެރަ އުފަލުގައި އުޅުނު ކުއްޖާ ގޮވައިގެން އޭނާގެ ނަޞީބު އެހެރަ ދަތުރުކުރި ދިމާ ނިކަން ދެކެބަލާށެވެ. ދުނިޔޭގައި ކަންކަތައް ދިމާވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟

ރަޝްފާގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ އޭނާގެ ދެ ލޮލުން ކަރުނަ ހިލޭން ފަށައިފިއެވެ. ވާހަކަ ނިމުނުއިރު ހުރީ ހަމަ ރަނގަޅަށް ރޮވިފައެވެ. ނަޒީފު ވެސް ހުރީ ފެންކަޅިވެފައެވެ.

“އަހަރެން ބޭނުން ރަޝްފާއަށް އެހީތެރިވާން. ތި ގިލަންވެރިކަމުން ސަލާމަތް ކޮށްދޭން!” ނަޒީފު ދެ ލޯ ފޮހެލިއެވެ.

ތިހެން ދިއްކޮށްލާ ކޮންމެ އޯގާވެރިކަމުގެ އަތެއްގެ ނިވަލުން އަހަންނަށް މިހާރު ފެންނަނީ ކެހިވެރިކަން.” ރަޝްފާ ހިންދިރުވައިލިއެވެ.

“އެންމެން އެއްގޮތެއް ނުވާނެ! އިރާދަކުރެއްވިއްޔާ އަހަރެންގެ އަތުގައި ހިފައިގެން، ރަޝްފާއަކަށް ދެރަގޮތެއް ނުވާނެ! ކޮންމެ މީހަކު ހަސަންދީއަކަށް ވެސް ނުވާނެ!” ހަސަންދީއަކީ މިހާރު ރަޝްފާ އުޅޭ ގޭގެ ބޮޑު މީހާއެވެ. އުމުރުން ދުވަސްވެފައި ހުއްޓެއް ކަމަކު، ރަޝްފާގެ ކައިވެންޏަށް އިންތިޒާރުކުރަމުން އަންނަ މީހާއެވެ. ބަލިހާލު ޖެހުނު ދުވަހު ބައްޕަ ބަލައިދިން ކަމުގެ އަގެއްގެ ގޮތުންނެވެ.

“މިއޮތްފަދަ ތަޢުލީމީ ޒަމާނުގައި އަހަރެން ކަހަލަ ނުކިޔަވާ ހުރި މީހެއްގެ އަތުގައި ހިފައިގެން، ކޮންކަމެއް ނަޒީފަށް ފުރިހަމަވާނެ ކަމަށް ތި އުޅެނީ؟”

“އަމިއްލައަށް ތިހައި ބޮޑަށް ނިކަމެތިވެ ގަންނާކަށް ނުވާނެ! މައިން ބަފައިން ދުނިޔޭގައި ތިބި ނަމަ، ކިޔަވައިގެން ހުރި މޮޅުކުއްޖަކަށް ރަޝްފާ ވީސްކަން މަށަށް ހަމަ ޔަގީން!” ރަޝްފާ ވަރަށް ކުޑައިރު ވަނީ އޭނާގެ މަންމަ ނިޔާވެފައެވެ. އެތައް ދުވަހަކު ބަލިވެ އުޅެފައި ބައްޕަ ވެސް މިހާރު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

“ނިކަމެތި ވަނީއެއް ނޫން! އަހަންނަށް ހުރި ގޮތް.” ރަޝްފާ ދެ ލޮލުން ކަރުނަ ފޮހެލިއެވެ. ދޮން މަންމަގެ ވިހަގަދަ ބަސްތަކާއި، ބައްޕަގެ ބޮލަށް އެރިލައިގެން، އެ މީހުންގެ ގެ ދަމައިގަތް ހީލަތްތެރި ގޮތް، މިހާރު ވެސް އޭނާގެ ސިކުނޑީގައި ދާދި ފަހުގެ ކަމެއްހެން ހަނދާން އެބަހުއްޓެވެ.

“ހުރިހާ ކަމެއް އަބަދު ދިމާވާނީ އެއްގޮތަކަށް ނޫން! އެގޮތަށް ވިސްނާކަށް ނުވާނެ!” ނަޒީފު މަސައްކަތްކުރީ ރަޝްފާގެ އަނިޔާ ލިބިފައިވާ ހިތަށް ފަރުވާއެއް ހޯދައިދެވޭތޯއެވެ. އެހެންނަމަވެސް ރަޝްފާގެ ކަތިލެވިފައިވާ ހިތަށް، އެފަދަ ދެތިން ޖުމުލައިން ފަރުވާއެއް ލިބޭވަރެއް ނުވެއެވެ.

“މިހާތަނަށް ވެސް ވިސްނަމުން އައީ ތި ގޮތަށް. ދޮންމަންމަގެ ވެސް ހަސަންދީގެ ވެސް ފުރަތަމަ ހުރީ ހަމަ ތި ކަހަލަ އޯގާވެރި އަޑެއް. ޙަޤީޤީ ސޫރަ ފެންނުނީ، ދުވަސްކޮޅެއް ފަހުން.” ދޮންމަންމަގެ އޯގާވެރި ފިރުމުންތައް ސިންގާގެ އަނިޔާވެރިކަމަށް ބަދަލުވެ، ވާބަލިޖެހިފައިވާ ބައްޕައާއެކު ގެއިން ބޭރުކޮށްލާފައި ވަނިކޮށް، ހަސަންދީއަށް ފެނިގެން އެ ދުވަހުން ދިން އޯގާވެރިކަން ރަޝްފާގެ ހަނދާނުގެ ނާޑުވާއަށް ދަމާން ފަށައިފިއެވެ.

“ދެން ހިނގާ ތި ވާހަކަ ބާއްވަމާ ދޯ! މާދަމާ ވެސް މިގަޑިއަށް މި ފިހާރަ ކައިރިއަށް އާދެވޭތޯ ބަލާތި! އަހަރެން ވެސް އަންނާނަން. އުއްމީދުކުރަން މާދަމާ ޖަވާބެއް ލިބޭނޭކަމަށް.”

ރަޝްފާ ފިހާރައަށް ވަނުމުން ނަޒީފު ބައިސްކަލަށް އަރައި ދުއްވާލައިފިއެވެ. އޭރު އޭނާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ރަޝްފާގެ ކިބައިން އޭނާ ހިތްހަމަޖެހޭ ފަދަ ޖަވާބެއް ލިބިދާނެކަމުގެ ޔަގީންކަން، އޭނާގެ ހިތުގައި އެބައޮތެވެ. ހަމަ ޔަގީނުން ވެސް މާދަމާ އޭނާ އަތުވެއްޖިއްޔާ ރަނގަޅު ޖަވާބެއް ލިބޭނެއެވެ. އެއީ ނަޒީފު ނިންމައިގެން ހުރި ގޮތެވެ.

ޖެހިގެން އައި ދުވަހެވެ. ރަޝްފާގެ އިންތިޒާރުގައި މާ ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނަޒީފަކަށް މިއަދަކު ނުޖެހުނެވެ. ރަޝްފާ އަންނަތަން ފެނިއްޖެއެވެ. ނަޒީފުގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅޭން ފެށިއެވެ. ހިތުގައި އާ ބާވަތެއްގެ ވިންދެއް ޖަހާން ފެށިއެވެ. ހިތް ބުނަމުން ދިޔައީ އުފާވެރި ޖަވާބަކުން ހިތް ފުރާލަދީފައި ނޫނީ، މިއަދު ރަޝްފާ އެނބުރި ނުދާނޭކަމަށެވެ.

“ކޮބާ ޖަވާބު؟” ފުރަތަމަ ވެސް ނަޒީފަށް އަހައިލެވުނީ އެ ވާހަކައެވެ. ރަޝްފާގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!