ސަހަރޯ: މުހައްމަދު ޤާސިމް

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.

ސަހަރޯ

ޢިޝާ ނަމާދުން ދަންވެއްޖެއެވެ. އަށެއް ޖަހަނީއެވެ. ހަވީރު ވެހެންފެށި ގޮތަށް އަދި ވެސް ވާރޭ ހުއްޓައިލާކަށް ނޫޅެއެވެ. މަގުތަކުގައި ބޮޑެތި ފެންގަނޑުތައް ހެދިއްޖެއެވެ. ބައެއް ގޭގެއަށް ފެން ނުވަންނަކަމެއް ވެސް ނޭނގެއެވެ.

ނަޒީފު ހުރީ ކަންބޮޑުވެފައެވެ. އަށްގަޑި ބަޔަށް އޮފީހަށް ދާންޖެހެއެވެ. އޭނާ އެ ހުންނަނީ ތައްޔާރުވެގެން، ވާރޭ ތުނިކޮށްލާނޭ އިރެއްގެ އިންތިޒާރުގައެވެ. ތިން ހަތަރު ސެންޓަރަށް ފޯނު ވެސް ކޮށްފިއެވެ. ކާރެއް ލިބޭތޯއެވެ. ކަމެއް ދަމެއް ބޮޑުވެގެން އުޅެންޏާ، ކާރެއް ވެސް އަތަކު ނުޖެހޭނެއެވެ. މަގެއްމައްޗަށް ފެންތިއްކެއް ޖަހައިލިޔަސް ޓެކްސީ ސެންޓަރުތަކުގެ ފޯނުތައް ހުންނާނީ “އެންގޭޖު” ވެފައެވެ.

ނަޒީފު އައިސް ސިޓިންރޫމަށް ވަންއިރު އަށެއްގެ ޚަބަރު ފެށިއްޖެއެވެ. އެހެންކަމުން ޚަބަރު ބަލައިލުމަށް ގަސްދުކޮށް ގޮނޑިއެއްގައި ޖައްސައިލިއެވެ.

ނަޒީފަކީ ދ. މާއެނބޫދޫ މީހެކެވެ. އުމުރުން ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. ފުރިހަމަ އިސްކޮޅަކާއި، ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. މާލޭގައި އޭނާ ދިރިއުޅެނީ ފަހަރެއްގައި ވެސް މާލޭގެ ދިރިއުޅުން ފަސޭހަވެގެން، އަރާމުވެގެނެއް ނޫނެވެ. އެހެން ގޮތެއް ނެތީމައެވެ. ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭން ޖެހުމުން، އަދާކުރާ ވަޒީފާއިން ލިބޭ މަދު ފައިސާކޮޅު އެކައްޗަކަށް ވެސް ނުވެއެވެ. ކޮޓަރީގެ ކުލިދައްކާފައި، ހޮޓަލުން ކައިގެން އުޅޭން ޖެހުމުން، މަހުން މަހަށް ފުއްދައިލެވެނީ ހަމަ ކިރިޔާއެވެ. ދެކޮޅުނުޖެހިގެން އުޅޭންޖެހޭ މަސްމަހާ ވެސް ލައްވައިލައެވެ. އެހެންކަމުން އަތުގައި ރައްކާކޮށްފައި އެންމެ ފައިސާފޮއްޗެއް ވެސް ނެތެވެ.

މިއީ ހަމަޖެހޭ ދިރިއުޅުމެއް ނޫންކަން ނަޒީފު އަމިއްލައަށް ވެސް ގަބޫލުކުރެއެވެ. ރަށަށް ދާން އޭނާ ބޭނުންވެއެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް އުއްމީދު ކުރެއެވެ. އެހެންނަމަވެސް ރަށަށް ގޮސް ވެސް އުޅެވޭކަށް ނެތެވެ. މަންމައާއި ބައްޕަ ދުނިޔޭގައި ނެތްތާނގައި އާއިލާގެ މީހަކު ވެސް ނެތެވެ. ތިމާގެ ބަޔަކު ތިއްބަސް، އެއީ ހަމަ ނެތް ބައެކެވެ. މައިންބަފައިން، އަތްފައި ކޮށައިގެން އަޅާފައި ހުރި މުސްކުޅި ގެގަނޑު، ފަޅަށް ހުރެ ވީރާނާވަމުންދާއިރު، އެ ތަން ސާފުކޮށްލައިދީ ބަލަހައްޓާނެ މީހަކު ވެސް ނެތެވެ. އެހެންކަމުން މި ކަންކަމާ ނަޒީފު އަބަދުވެސް ވިސްނައެވެ. އެ ގެ ފަޅަށް ބެހެއްޓުމަކީ، އޭނާ ހިތްހަމަޖެހޭ ކަމެއްނޫނެވެ. އެކަމަކު އެކަނިމައިއެކަނި ގޮސް އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ރަނގަޅު އަނތްބަކު ލިބެނިކޮށް، މި ހުރިހައި ކަމެއް އެއްފަހަރުން ހަމަޖެހުނީއެވެ.

ރަނގަޅު އަނތްބަކު ހޯދުމަކީ މިހާރު ނަޒީފު އެންމެ އެދޭ އެއްކަމެވެ. އެހެންނަމަވެސް ކޮންމެކޮންމެ މީހަކާ އިންނާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އޭނާއާއެކު ރަށަށް ގޮސް، މައިންބަފައިންގެ ވީރާނާވަމުންދާ ގެގަނޑު ކޮޅަށްޖެހޭވަރުގެ ހަރުދަނާ އަނތްބެކެވެ. އެ ފަދަ ކުއްޖަކަށް އިންތިޒާރު ކުރެވޭތީ، މިއަދާ ހަމައަށް ވެސް އޭނާއަށް ހުންނާން ޖެހިފައި ވަނީ، ހުސްހަށިބަޔަށެވެ. މި ޒަމާނުގައި، ޚާއްސަކޮށް މާލޭން، އެ ފަދަ ކުއްޖަކު ހޯދުމަކީ ފަސޭހަކަމަށް ނުވާނެއެވެ. މާލޭގެ ލޮނުފެނާއި، ނުސާފުވަޔާއި، އަޑުފަށްގަނޑު ގަދަ މާހައުލާ ވަކިވާކަށް ގިނަކުދިން ހިތެއް ނުރުހޭނެއެވެ.

ޓީވީގެ ޚަބަރު ނިމިއްޖެއެވެ. ނަޒީފު އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އަށްގަޑި ވިހި ހިނގައިފިއެވެ. ނަޒީފު ތެދުވެ، ބޯދިއްކޮށް ބޭރަށް ބަލައިލިއެވެ. ނަސީބަކުން ވާރޭ ތަންކޮޅެއް ތުނިކޮށްލައިފިއެވެ. ނަޒީފު އަވަސް އަވަހަށް ކޮޓަރިއަށް ވަދެ، ބައިސްކަލުގެ ބައްތިއާއި ތަޅުދަނޑި ހިފައިގެން ނިކުމެ، ބައިސްކަލަށް އަރައި ނައްޓާލައިފިއެވެ. އެއިރު ވެސް ހިމަފޮދު ވާރޭ ވެެހެމުންދެއެވެ.

ނަޒީފަކީ އޭނާ އުޅޭ އޮފީހުގެ ބަޖެޓު ކާތިބެވެ. މަސްނިމެން އެންމެ ތިން ދުވަހަށް ވެފައިވާތީ، އޮފީހުގެ މަސައްކަތް ހުރީ ފުނިޖެހިފައެވެ. އެހެންކަމުން އޮފީހަށް ނުގޮސް ވާންނެތުމުން، މި ރޭ އޭނާ ކޮންމެހެން އޮފީހަށް ދާން ބޭނުންވަނީއެވެ.

މަގުތައްމަތީގައި ހެދިފައިހުރި ބޮޑެތި ފެންގަނޑުގަނޑަކަށް ނަޒީފެއް ނުބަލައެވެ. ދުއްވަމުން ގެންދިޔައީ ދުއްވޭ އެންމެ ބާރަކަށެވެ. ނުތެމެނީސް އޮފީހާ ހަމައަށް ފޯރާތޯއެވެ. އެހެންނަމަވެސް ހަމަ ކުޑަތަންކޮޅަކަށް ދެވުނުތަނާ، ވާރޭ ބޯކޮށްލައިފިއެވެ. ހިޔާވާނޭ ތަންކޮޅެއް ނުފެނިގެން އުޅެނިކޮށް، ތެމި ފޯވެއްޖެއެވެ. އެހެންކަމުން ކުރިއަށްވުރެ ވެސް ބާރަށް ނަޒީފު ބައިސްކަލު ދުއްވަން ފަށައިފިއެވެ. ވީވަރަކުން ފެންގަނޑުގަނޑުން ނެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.

ޖެހިގެން އޮތްގޯޅި އެޅުމަށް ހިފައިލި ވަގުތު ނަޒީފު ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ދެ ބުރަތްކަށް އެއްފަހަރާ ހިފާލައިފިއެވެ. ތެމިފައި ހުރުމުގެ ސަބަބުން، ބުރަތްކަކަށް ބައިސްކަލު ކިޔަމަނެއް ނުވިއެވެ. އެދިޔަގޮތަށް ގޮސް، އެ ގޯޅިން ނިކުތް އަންހެންކުއްޖެއްގެ ގައިގައި، ކުރީ ފުރޮޅުން ޖެހިއްޖެއެވެ. އެ ކުއްޖާގެ ގައިން ނެއްޓުވޭތޯ ކުރިމަސައްކަތް ނާކާމިޔާބުވުމުގެ އިތުރުން، ބައިސްކަލާއެކު ފެންގަނޑުގެ ތެެރެއަށް ނަޒީފު ވެއްޓި ޖެހިއްޖެއެވެ. ނަޒީފަށް ބަލައިލެވުނުއިރު، އެ ކުއްޖާ ވެސް އޮތީ ފެންގަނޑުގެ ތެރޭގައެވެ. ނަޒީފުގެ ފަޔަށް ތަދުވިނަމަވެސް، ވީ ތަދަށްވުރެ، އެ ކުއްޖާއަށް ކަމެއްވީތޯ ބަލަން އޭނާ މާ ބޮޑަށް ބޭނުންވިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަދި އަވަސް އަވަހަށް އެ ކުއްޖާގެ އެއް އަތުގައި ހިފައި، ފެންގަނޑުތެރެއިން ނަގައިފިއެވެ.

“ތަދުވިތަ؟” ހާސްވިލެއް ބޮޑުކަމުން ނަޒީފަށް އެހުނެވެ.

އަންހެންކުއްޖާ ނަޒީފުގެ މޫނަށް ބަލައިލިއިރު، ނަޒީފަށް ވެސް ހުރެވުނީ އެކުއްޖާގެ މޫނަށް ބަލާށެވެ. އެ ވަގުތު ފާޑެއްގެ ގޮތެއް އޭނާގެ ހިތަށް ވެގެންދިޔަކަން އޭނާއަށް އިހްސާސް ކުރެވުނެވެ. އެ ކުއްޖާގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުން ޖަހަމުން ދިޔަ ފެންތިކިތައް، އޭނާގެ އޮމާން ކޯތާފަތްމަތީގައި ބޮސްދެމުން ތިރިއަށް ފައިބައިގެން ދަނީ، އެ ރީތި ކޯތާފަތް ދޫކޮށްފައި ދާންޖެހޭތީ ހިތާމަކުރަމުންނެވެ.

ވެހެމުންދިޔަ ބޯވާރޭގެ ތިކިތައް، ނަޒީފުގެ ހަށިގަނޑު ތޮރުފަމުން ދިޔައިރު، އޭނާގެ ހިއްސުތައް ވަނީ ހަމައިން ނެއްޓިފައެވެ. ނަޒީފަށް ހުރެވުނީ އެ އަންހެންކުއްޖާގެ ފުން ދެ ލޮލުގެ ތެރެއަށް ގެނބިފައެވެ. އަންހެންކުއްޖާގެ ހާލަކީ ވެސް އެއީ ކަންނޭނގެއެވެ.

ކުއްލިއަކަށް މަގުގެ އެއްކޮޅުން، ކާރެއްގެ އަލި އެ ދެމީހުންގެ ގަޔަށް އެޅިއްޖެއެވެ. އެ ވަގުތު ދެ މީހުންނަށް ވެސް ލިބުނީ ސިހުމެކެވެ. ނަޒީފަށް އަވަސްވެގަނެވުނީ ފެންގަނޑުގެ ތެރޭގައި ވެއްޓިފައި އޮތް ބައިސްކަލު ނެގުމަށެވެ. ބައިސްކަލު ނަގައި ފާރުގައި ލައްކޮށްލިއިރު، އެ އަންހެންކުއްޖާ ވެސް މަގުގެ އެއްފަރާތަށް އަރައިފިއެވެ. ފެންގަނޑުގެ ތެރޭގައި ފަތަމުން އެ މީހުން ފަސްދީ، ކާރު ހިނގައްޖެއެވެ. ކާރުގެ ފަހަތުން ކަހަލަގޮތަކަށް އަންހެންކުއްޖާ ވެސް ހިނގައިގެންފިއެވެ. އޭނާގެ ހިނގުމުގައި ކޮރުގޮތެއް ހުރިކަން ނަޒީފަށް ފާހަގަ ކުރެވުނެވެ.

“އޭތް! މަޑުކޮށްފާނަން؟” ނަޒީފަށް އެ ކުއްޖާގެ ފަހަތުން ހިނގައިގަނެވުނެވެ.

“ކީއްކުރަން؟ އަނެއްކާ އެހެންމީހަކު ހަލާކު ކޮށްލެވޭތޯ ދާންވީނު!” އަންހެންކުއްޖާގެ އަޑުގައި ހުރީ ރުޅިވެރިކަމުގެ ރާގެވެ. އޭނާ ނަޒީފާ ދިމާއަށް ބަލައި ވެސް ނުލައެވެ.

“ސޮރީ! އެއީ…..ގަސްދުގައި ކުރިކަމެއްނޫން! ވިއްސާރަވީމާ ބުރަކި ވެސް….ނުޖެހުނީ” ނަޒީފު ވަރަށް ދެރަވެއްޖެއެވެ.

“މަގުމަތީގައި އެހެން މީހުން ވެސް އުޅޭނެކަން ދަނެގެން ދުއްވި ނަމަ ތަންކޮޅެއް ރަނގަޅުވީސް ކަންނޭނގެ!”

“ތީ ރަނގަޅު ވާހަކައެއް. އެކަމަކު…. އޮފީހަށްދާ ގަޑިޖެހޭތީ…… މާ ބާރަށް ދުއްވުނީ.” ހީކަރުވާފައި ހުރިލެއް ބޮޑުކަމުން، ވާހަކަ ދައްކާކަށް ނަޒީފަކަށް ފަސޭހައެއް ނޫނެވެ. “ފައިން ތިއޮތް އަންނަނީ ލެޔެއްނު!” އެއްލި އަޅިއަކުން ނަޒީފުގެ ލޮލުގައި އަޅައިގަތީ، އެކުއްޖާގެ ފައިގެ ކަށިމަތި ރަތްވަމުން ދިޔަ ތަނެވެ. މި މަންޒަރު ފެނުމުން ނަޒީފުގެ ހިތަށް ކަށްޓެއް ހެރުނު ކަހަލައެވެ.

“ތަދުވޭތަ؟”

“ހޫނ..” އަންހެންކުއްޖާ ބޯ ޖަހައިލިއެވެ.

ހަދާނެ ނުހަދާނެގޮތެއް ނޭނގިގެން ހުރެފައި، ކުއްލިއަކަށް އޭނާއަށް އަތްކޮއްޕާލެވުނީ ޖީބަށެވެ. ވޮލެޓު ވެސް އޮތީ ތެމިފޯވެފައެވެ. ވޮލެޓުގައި އޮތީ ހަމައެކަނި ފަންސާސް ރުފިޔާގެ ނޫޓެކެވެ. އޭނާގެ އަތުގައި މިހާރު އޮތްހައި ވެސް އެއްޗަކީ އެއީއެވެ. މަސްނިމޭން އަދި ބަރާބަރު ތިން ދުވަސް އެބައޮތެވެ. އެހެންނަމަވެސް ކުރިން ޖެހޭކަމެއް ޖެހޭނީ ކުރިން ކުރާށެވެ. މިއީ އޭނާ އަބަދުވެސް ގަބޫލުކުރާ ގޮތެވެ.

“އަން! މީގައި ހިފާ! ޑޮކްޓަރަށް ދައްކާފައި ބޭސް އަޅަނިކޮށް އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ!” އެ ކުއްޖާއާ ދިމާއަށް ފަންސާސް ރުފިޔާގެ ނޫޓު ނަޒީފު ދިއްކޮށްލިއެވެ.

“ދެން…… އަޅައިނުލާ!” އެ އަންހެންކުއްޖާ ހުރީ ވަރަށް ބޮޑަށް ހީކަރުވައިގެންފައެވެ. އޭނާ އަނެއްކާ ވެސް ހިނގައިގެންފިއެވެ.

“އަދި މަޑުކޮށްބަލަ!” ނަޒީފަށް ބުނެވުނެވެ. ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށެވެ.

“ނެތް ވަގުތެއް! އަހަންނަކީ….! ވަރަށް ބޮޑަށް ހީކަރުވައިގެންފައި މިހުރީ.” ބުނާން އުޅުނު ވާހަކަ ނުބުނެ، އަންހެންކުއްޖާ އަނެއްކާ ވެސް ހިނގައިގެންފިއެވެ.

“ކޮންތާކަށް ތި ދަނީ؟”

އަހަންހެންކުއްޖާ އެއްވެސް ޖަވާބެއް ނުދެއެވެ. އެނބުރި ބަލައި ވެސް ނުލިއެވެ.

“މި ހިފައިގެންދޭ!” ތެމި ފޯވެފައި އޮތް ފަންސާސް ރުފިޔާގެ ނޫޓު ދިއްކޮށްގެން ހުރެ، އަންހެންކުއްޖާގެ ފަހަތުން ނަޒީފު ހިނގައިގަތެވެ. އޭނާގެ ސަބަބުން ކުށެއްނެތް ނިކަމެތި ކުއްޖަކަށް އެ ފަދަ އަނިޔާއެއް ލިބުނީތީ އޭނާ ހުރީ ވަރަށް ކަންބޮޑުވެ ދެރަވެފައެވެ.

“ނޫން!” އެ ފައިސާގައި ހިފާން އެ ކުއްޖާ އިންކާރުކުރިއެވެ.

ނަޒީފު ކެނދިމުޅި އުކިވަރުން، އޭގައި ހިފުމަށް އެންމެ ފަހުން އެ ކުއްޖާއަށް މަޖުބޫރުވެއްޖެއެވެ. ނަޒީފުގެ ހިތަށް ފިނިކަމެއް ލިބުނީ އެހައިތަނުންނެވެ.

“މީގެ ފަހުން މަށަކީ ރައްޓެއްސެއްކަމަށް ދެކެންވާނެ! އަހަރެންގެ ނަމަކީ ނަޒީފު! ކޮންނަމެއް ކިޔަނީ؟”

“ރަޝްފާ”

“ކޮންގެއަކު އުޅެނީ؟” ގާތްގޮތަކަށް ނަޒީފު އަހައިލިއެވެ.

ގޭގެ ނަން ބުނުމަށްފަހު ރަޝްފާ ހިނގައިގެންފިއެވެ. އެހެންނަމަވެސް މި ފަހަރު އޭނާ ހުއްޓުވާކަށް ނަޒީފު މަސައްކަތެއް ނުކުރެއެވެ.

ރަޝްފާ ދިއުމުން ނަޒީފު ގަޑިއަށް ބަލައިލިއެވެ. ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. އެހެންކަމުން ދެން ނަޒީފު މިސްރާބުޖެހީ ގެއާ ދިމާއަށެވެ. ތެމި ފޯވެގެން ހުރެ، އޮފީހަށް ނުދެވޭނެތީއެވެ.

އެރޭ ނިދަން އުޅެއުޅެ ނަޒީފުގެ ލޮލަށް ނިދި އަންނަގޮތެއް ނުވިއެވެ. އޭނާއަށް ޚިޔާލުކުރެވެނީ ރަޝްފާއާ ދޭތެރޭގައެވެ. ރަޝްފާގެ ކުލައޮއްސިފައިވާ މޫނު، އޭނާއަށް މިހާރު ވެސް ފެންނަ ކަހަލައެވެ.

ޖެހިގެންއައި ދުވަހެވެ. ހޭލެވުނުލެއް ލަސްކަމުން ނަޒީފަށް ގަޑިނުޖެހި އޮފީހަށް ދެވުނީ ވެސް ހަމަ ކިރިޔާއެވެ. ކުރީ ރޭ އޮފީހަށް ނާދެވުމުން، މަސައްކަތްތައް ހުރީ ފުނިޖެހިފައެވެ. އެހެންކަމުން އޮފީހަށް ވަންގޮތަށް، މަސައްކަތްތަކާ އޭނާ ކުރިމަތިލައިފިއެވެ.

ނަޒީފު މަސައްކަތުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު، ބަނޑުހައިވެގެން ސަޔަށް ދިއުމަށް ގަސްދުކޮށް، ހިނގައިގަތްތަނާ، އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތްކަން ހަނދާނަށް އަތުވެއްޖެއެވެ. އެހެންކަމުން ސަޔަށް ދިޔައީ، އޮފީހުގެ ކުއްޖެއްގެ އަތުން، ފަހުން ދޭގޮތަށް ސަތޭކަ ރުފިޔާ ނަގައިގެންނެވެ. ނާސްތާކޮށްލައިގެން އޮފީހަށް އައިސް ހަމަޖެހިލުމަށްފަހު، ނަޒީފު ގަސްދުކުރީ، ރަޝްފާއަށް ގުޅައިލުމަށެވެ. އެހެންކަމުން ޑައިރެކްޓަރީ ނަގައި، ނަންބަރު ހޯދާލުމަށްފަހު ގުޅާލައިފިއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!