ތަމަންނާ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ މުނިފޫހިފުލުވުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 30 އަހަރުގެ ބަތަލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރިއަށް އޮތް ވެބް ސީރީޒެއްގެ ޝޫޓިންގ އަށް ހައިދަރުއާބާދަށް ގޮސް އުޅެނިކޮށެވެ. އަދި ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެންނަން ފެށުމުން ޓެސްޓު ހެދިއިރު ޕޮޒިޓިވްވެފައި ވާތީ، އިތުރު ފަރުވާއަށް ހައިދަރްއާބާދުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ތަމަންނާ އެޑްމިޓުވެފައި ވާ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

މިދިޔަ އޮގަސްޓު މަހު ތަމަންނާގެ މަންމައާއި ބައްޕަވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އޭރު ތަމަންނާގެ ޓެސްޓުހެދި އިރު އޭނާ ވަނީ ނެގަޓިވްވެފައެވެ.

މީގެކުރިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ފިލްމީ ތަރިންގެ ތެރޭގައި މަޝްހޫރު ބައްޗަން އާއިލާ ހިމެނެއެވެ. އަދި އޭގެފަހުން މޮޑެލް/އެކްޓްރެސް މަލައިކާ އަރޯރާ އާއި އޭނާގެ ލޯބިވެރިޔާ އެކްޓަރު އަރްޖުން ކަޕޫރު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ ބަލިން ފަސޭހަވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!