އިންޑިއާގެ ސިނަމާތައް ހުޅުވަނީ

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮއްވައި، އަލުން ސިނަމާތައް ހުޅުވަން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުން އަށް ލުއި ދެމުން އަންނަ އިރު އަންލޮކް 5.0 ގެ ދަށުން ސިނަމާތައް ހުޅުވަން ނިންމާފައި ވަނީ މި މަހުގެ 15 ގައެވެ. މިކަން އިއުލާނުކުރުމުގެ ގޮތުން އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ވަނީ ޓްވީޓެއް ކޮށްފައެވެ.

މިނިސްޓްރީން ބުނީ ރައްކާތެރިކަމުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން އެ ގައުމުގެ ހުރިހާ ސިނަމާތަކެއް ކުރިއެކޭ އެއްގޮތަށް މި މަހުގެ 15 އިން ފެށިގެން އަލުން އޮޕަރޭޓްކުރެވޭނެ ކަމަށެވެ. ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދިން އިރު އަމަލުކުރަން ޖެހޭ އެންމެ ހާއްސަ އުސޫލުތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމަށްޓަކައި ސިނަމާތަކުގައި ޝޯތައް ދައްކާ އިރު ކެޕޭސިޓީ 50 ޕަސެންޓަށް ވުރެ އިތުރުނުކުރާއި ޝޯތަކުގެ ދެމެދުގައި ހޯލްތައް ޑިސްއިންފެކްޓްކުރުން ހިމެނެ އެވެ.

ލޮކްޑައުންއާ އެކު ފިލްމީ މަަސައްކަތް ހުއްޓި ސިނަމާތައް ބަންދުކުރުމުން މި އަހަރުގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފައިވާ އިރު، ގިނަ ފިލްމުތަކެއް ވަނީ ޑިޖިޓަލްކޮށް ޕްރިމިއާ ވެސް ކޮށްފަ އެވެ. އަދި މިހާރު ވެސް ގިނަ ފިލްމުތަކެއް އެކިއެކި ޕްލެޓްފޯމްތަކުން ގެނެސްދޭން ތާވަލުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އާއި ޒީ5 އާއި ޒީ ޕްލެކްސް ފަދަ ފްލެޓްފޯމްތަކުން ޕްރިމިއާކުރާނެ ފިލްމުތައް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!