ފޯނާ ނުލައި ދަރިފުޅު ހަމައަކަށް އަޅުވާނީ ކިހިނެއް؟

ކުޑަކުދިން ރޯން ފަށާއިރަށް އެކުދިންގެ ހަމައަކަށް އަޅުވަން ދެވެނީ ފޯނެވެ. ނުވަތަ ޓެބްލެޓެވެ. އޭގެން ކޮންމެވެސް ކާޓޫނެއް ނޫނީ ލަވައެއް އެޅުވުމުން ރުއިން ހުއްޓާލާފައި ސްކްރީނަށް ގެއްލިފައި އެތައް އިރަކު އިނދެދާނެއެވެ. ނަމަވެސް ގިނަ ދިރާސާތަކަކުން ދައްކާ ގޮތުގައި، ކުޑަކުދިން އަތަށް އަބަދު ފޯނު ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެކުދިންގެ ލޮލަށް ގެއްލުންވުމުގެ އިތުރުން، އުޅުމުގައި ވެސް މައްސަލަތަކެއް ދިމާވުން އެކަށީގެންވެއެވެ. މިސާލަކަށް އެހެން ކުދިންނާ ބަލާފައި ބަސްމަދުވުން، އެ އުމުރުގެ އެހެން ކުދިންނާ މުއާމަލާތް ކުރަން ނޭނގުން އަދި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވުން ފަދަ ކަންކަން ހިމެނެއެވެ.

އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ފޯނު ދިނުމަކާ ނުލައި ދަރިފުޅު ހަމައަކަށް އަޅުވާނެ ގޮތްތަކެވެ. މި ކަންކަމަކީ އެންމެ ތުއްތު އިރުން ފެށިގެން އާދަކުރަންޖެހޭ ކަންކަމެވެ. މާ ލަސްވެއްޖެ ނަމަ ދަރިފުޅާ ފޯނާ ދުރުނުކުރެވޭ ވަރަށް އެކުއްޖާ އެއަށް ދެވިހިފާނެއެވެ.

1. ހަމަޖެހިގެން ހުރުން

ދަރިފުޅު ބޮޑާހާކާނަމަ އެންމެ ފުރަތަމަ ކަމަކަށް ބެލެނިވެރިޔާ ޖެހޭނީ ހަމަޖެހިލާށެވެ. ނޫންނަމަ އޭނާ ބޮޑާހާކާ ވަރަކަށް ތިބާ އެއަށް ރައްދުދޭނަމަ އެކަން ހުއްޓުމުގެ ބަދަލުގައި ދާނީ ގޯހަށެވެ. އެހެންކަމުން ތިބާ ހަމަޖެހިލާފައި އޭނާގެ ހަރަކާތްތަކަށް ބަލަން ހުރުމުން ބޮޑާހޭކުން ހުއްޓާލާފައި ތިބާ ދައްކާ ވާހަކަ އަޑުއެހުމުގެ ފުރުސަތު މާ ބޮޑެވެ.

2. ގޭމެއް ކުޅުން

ފޯނުގެ ބަދަލުގައި، ބޯޑު ގޭމެއް ކުޅުމުން ދަރިފުޅަށް މާ ފައިދާ ކުރާނެއެވެ. އެގޮތުން ދަރިފުޅު ކަމަކާ ބޮޑާހާކާނަމަ ކުޅޭ އެއްޗެހި ނަގައިގެން އެ އެއްޗެހި ކުޅެން އައުމަށް ބުނެވިދާނެއެވެ. ކުޅެން ބުނުމުން އެކަމަށް ދެކޮޅު ހެދުމަކީ ކުޑަކުދިން ވަރަށް ނުކުރާނެ ކަމެކެވެ. އަދި ޙާއްސަކޮށް ތިބާ އޭނާއާއެކު ކުޅެން އުޅޭނަމަ އޭނާގެ ޝައުގުވެރިކަން މާ ބޮޑުވާނެއެވެ.

3. ބޭނުންވާ ގޮތް އޮޅުންފިލުވުން

ދަރިފުޅު ބޮޑާހާކަނީ ފޯނު ނުދީގެން ކަމަށް ވާނަމަ، އެ ނޫން އެހެން ކަމެއް ކުރަން ބޭނުންތޯ އަހައި، އޭނާ ދެން ކުރަން ބޭނުންވާ ކަމަކަށް އެއްބަސްވާށެވެ. އެއީ ބޭރަށް ދިޔުން ނުވަތަ ކޮންމެވެސް އެއްޗެއް ކެއުން ކަމުގައި ވާނަމަ އެކަމެއް ކޮށްދޭށެވެ.

4. ލަވައެއް ކިޔައިދިނުން

މިއުޒިކްގެ އަޑަކީ ކުޑަކުދިންގެ ސަމާލުކަން ވަރަށް ފަސޭހައިން ދަމައިގަންނަ އެއްޗެކެވެ. އެހެންކަމުން ކުޑަދަރިފުޅު ރޯނަމަ، އޭނާއަށް އެންމެ ކަމުދާ ލަވަ ކިޔައިދޭށެވެ. އޭރުން ރޯން ހުރި ސަބަބު ހަނދާންނެތި، ލަވައަށް ސަމާލުކަން ދޭނެއެވެ.

5. ބައްދައިލުން

ކަމަކާ ދެރަވެފައި ހުންނަ ވަގުތު މީހެއްގެ ގައިގައި ބައްދައިލުމަކީ ގިނަ މީހުންނަށް ލިބޭ ހިތްހަމަޖެހުމެކެވެ. ކުޑަކުދިންނަށް ވެސް މިކަން އޮތީ މިގޮތަށެވެ. ދަރިފުޅު ރޯނަމަ އޭނާގެ ގައިގައި ބައްދައިލާ، އޯގާތެރިކަމާއެކު ވާހަކަ ދައްކާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!