7 މަހަށްފަހު ޙަރަމުފުޅު އުމްރާއަށް ހުޅުވާލައިފި

ހަތް މަހަށްފަހު އުމްރާގެ އަޅުކަމަށް ޙަރަމުފުޅު އާއްމުކޮށް ހުޅުވާލައިފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދުކުރީ މިއަހަރުގެ މާރިޗުމަހުގެ 21 ވަނަދުވަހުއެވެ.

އުމްރާގެ އަޅުކަމަށް އަލުން ޙަރަމުފުޅު ހުޅުވާލީ ސައުދީ ގަޑިން މިއަދު ރޭ ދަންވަރު 12 ޖެހިއިރުއެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ޙަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާވުމަށް ފުރަތަމަ ހުއްދަ ދީފައިވަނީ މައްކާގައި އުޅޭ ރައްޔިތުންނަށެވެ. އުމްރާގެ އަޅުކަމަށް އެދޭ މީހުން ރަޖިސްޓްރީވުމަށް ވަކި އެޕެއް ސައުދީ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

މި އެޕް މެދުވެރިކޮށް މައްކާގެ ރައްޔިތުންނަށް ހުޅުވާލުމުން ފުރަތަމަ ފަސްގަޑިއިރުގެ ތެރޭގައިވެސް 72 ހާހަށްވުރެ ގިނަ މީހުންވަނީ ރަޖިސްޓްރީކޮށްފައެވެ.

ކޮންމެ ދުވަހަކުވެސް އުމްރާވުމަށް އަންނަ މީހުން 12 ގްރޫޕަކަށް ބަހާލާ ކޮންމެ ގްރޫޕަކަށްވެސް އުމްރާ ފުރިހަމަކުރުމަށް ލިބޭނީ 3 ގަޑިއިރުގެ ވަގުތެއްކަމަށްވެސް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި މީގެ ކޮންމެ ގްރޫޕެއްގައިވެސް އިސްވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިއްޙީ މާހިރެކެވެ.

އުމްރާއަށް ހުޅުވާލިނަމަވެސް ތަވާފްކުރާ މީހުން ތަވާފްކުރަން ޖެހޭނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ހަރުކޮށްފައިވާ ރިންގުގެ ބޭރުންނެވެ. އަދި އެއްވެސް މީހަކަށް ގެފުޅުގައި ބޮސްދީ އަތްބީއްސާ ނެހެދޭނެކަމަށާއި ދުވާލަކު 10 ފަހަރަށް ޚަރަމްފުޅު ސްޓެރެލައިޒްކުރާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!