މަސްތުވާތަކެތީގެ މައްސަލަގަނޑު ތެރެއަށް އަހަރެންގެ ނަން ވެއްދީމަ ބިރުން ގޮސް އަމިއްލައަށް މަރުވާން ހިތަށް އެރި: ސާރާ

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށްފަހު ހިލުނު މަސްތުވާތަކެތީގެ މައްސަލައިގައި އެ އިންޑަސްޓްރީގެ ބައެއް ތަރިންގެ ޓީވީ އިންޑަސްޓްރީގެ ތަރިންތަކަކާ ވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ސުވާލުކޮށްފައި ވާތީ، ކަމާ ނުބެހޭ ބައެއް ތަރިންތަކެއްގެ ނަންތައް މީޑިއާތަކުން ފާޅުކުރި އިރު އެކަމުގައި ޓީވީ އެކްޓްރެސް ސާރާ ޚާންގެ ނަން ހިމެނުމުން ވަރަށް ހާސްވެ ބިރުގަތް ކަމަށް އޭނާ ބުނެފިއެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ޝައްކު ކުރެވިގެން އެންސީބީ އިން ސުވާލުކޮށްފައި ވަނީ ޓީވީ އެކްޓްރެސް އަބިގޭލް ޕާންޑޭ އާއި އޭނާގެ ލޯބިވެރިޔާ ކޮރިއޮގްރާފާ ސަނަމް ޖޯހަރް އާއެވެ. އެ ޚަބަރާއެކު ދެން މީޑިއާތަކުން ބުނަން ފެށީ، ސާރާ އަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި، އެންސީބީ އިން އޭނާއާއި އެކްޓަރު އަންގަދް ހަސީޖާ އާ ވެސް ވަރަށް އަވަހަށް ސުވާލު ކުރާނެ ކަމަށެވެ. އަންގަދަކީ ސާރާއާއެކު “ބިދާއީ” ޑްރާމާގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އަދި މިދެމީހުންނަކީ ގާތް އެކުވެރިންނެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސާރާ ބުނީ، ބައެއް މީޑިއާތަކުން އެގޮތަށް ޚަބަރު ފަތުރަމުންދާކަން އޭނާއަށް ގުޅާފައި ބުނީ އަންގަދް ކަމަށެވެ. “އަހަރެން ދިޔައީ ޝޮކަކަށް. ދެން ހިތަށް އެރީ ކީއްވެބާއޭ އަހަރެންގެ ނަން އެކަމުގެ ތެރެއަށް އެ ވަނީ. ފަހުން އަހަރެންގެ އިންޓަވިއު ހޯދަން ބައެއް ނޫސްވެރިން ގުޅީމަ އަހަރެން ހަނުހުރީ އަހަރެންގެ ގާނޫނީ ޓީމުގެ ލަފާގެ މަތިން” އީޓައިމްސް އާ ވާހަކަ ދައްކަމުން 31 އަހަރުގެ ބަތަލާ ބުންޏެވެ.

ސާރާ ބުނީ، އެގޮތަށް ދޮގު ޚަބަރު ފެތުރި މީޑިއާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަގުމަތީގައި ވާ ކަމަށެވެ. “އަހަރެންގެ ދިރިއުޅުމަކީ އެމީހުންގެ ފައިދާއަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން”.

މީގެ އިތުރުން ސާރާ ބުނީ، އޭނާގެ ނަން އެންސީބީއަށް ހާމަކޮށްފައި ނުވާނެކަން ޚުދު އަބިގޭލް ވެސް ގުޅާފައި ބުނި ކަމަށެވެ. ނަމަވެސް އަމިއްލަ ނަން އެފަދަ ގޮތަކަށް ހަރާބުވެ، މުޅި ކެރިއަރު ހަލާކުވެދާނެކަމުގެ ބިރަށް އަމިއްލައަށް މަރުވާން ވެސް ހިތަށް އެރިކަމަށް ސާރާ ބުންޏެވެ. “އެއްވެސް ހަގީގަތެއް ބެލުމެއްނެތި އަހަންނާ ބެހޭގޮތުން މީމްތައް ހަދައި، އަހަންނާ ދިމާއަށް ޑްރަގް އެޑިކްޓަކަށް ގޮވަމުން ދިޔަ ބައެއް މީހުން. މިކަމާ ހެދި ދެރަވެގެން އަމިއްލައަށް މަރުވާން ވިސްނިން”، ސާރާ ކިޔައިދިނެވެ.

“އަހަންނޭ ކިޔައިގެން ދޮގު ހަބަރު ފަތުރާއިރު، އަހަންނަކީ ވެސް މީހެއްގެ ދަރިއެއްކަން، ކޮއްކޮއެއް ދައްތައެއްކަން ވިސްނަން އެބަޖެހޭ”، ސާރާ ފާހަގަކުރިއެވެ.

ސާރާ ބުނީ އޭނާގެ ނަން މަސްތުވާތަކެތީގެ މައްސަލަގަނޑު ތެރެއަށް ވަނީ އޭނާއަކީ ޕާޓީކޮށް، ވަރަށް މަޖާކޮށް އުޅޭ މީހަކަށް ވާތީ ކަމަށް ބެލެވޭ ކަމަށެވެ. “އެކަމަކު އަހަރެންގެ ދިރިއުޅުން އުފާވެރިކޮށް ވޭތު ކުރަމުން ދިޔުމަކީ އަހަރެން ކުށްވެރިއަކަށް ވާންޖެހޭ ސަބަބެއް ނޫން”.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ސާރާ ވަނީ ދާދިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ބަލިން ރަނގަޅުވެފައި ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!