ބޮލީވުޑް މަސްތުވާތަކެތި މައްސަލަ: އެތައް ދުވަހަކު ހަނުހުރުމަށްފަހު އަކްޝޭގެ އިހުސާސްތައް ބޭރުކޮށްލައިފި!

ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެފައި އޮންނަތާ ދުވަސްކޮޅެއް ވެފައި ވަނިކޮށް، އެކަމާ ބެހޭގޮތުން ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ދެކޭގޮތް އޭނާ އެންމެފަހުން ފާޅުކޮށްފިއެވެ.

އަކްޝޭ، 53، ޓްވިޓާގައި މިއަދު ހިއްސާކުރި ވީޑިއޯއެއްގައި ބުނީ، ޖޫން މަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާއެކު ބޮލީވުޑާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތަކެއް އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފި ކަމަށެވެ. އަދި އޭގެތެރެއިން ވެސް މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނީ އެ ހުރިހާ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އަދި މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ދެކޭ ކަމަށެވެ. އޭނާ ވަނީ ބޮލީވުޑާ މަސްތުވާތަކެއްޗާ ގުޅުން އޮންނަ ކަމަށް ވެސް އެއްބަސްވެފައެވެ. ނަމަވެސް އޭނާ ފާހަގަކުރި ކަމަކީ އެއީ އެހެން ދާއިރާތަކުގައި ވެސް އޮންނަ ކަމެއް ކަމެވެ. ހަމައެހެންމެ، ބޮލީވުޑްގެ ބައެއް ތަރިން މަސްތުވާތަކެތި ބޭނުންކުރިޔަސް، މުޅި އިންޑަސްޓްރީ ބަދުނާމު ވާގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުންޏެވެ.

“ބޮލީވުޑްގެ އެންމެންނަކީ ޑްރަގް ބޭނުންކުރާ ބައެކޭ ބުނުމަކީ ދޮގެއް”، އަކްޝޭ ބުންޏެވެ.

“ބެލް ބޮޓޮމް” ކިޔާ ފިލްމެއްގެ ޝޫޓިންގ ގައި މިވަގުތު ލަންޑަންގައި ހުރި އަކްޝޭ ބުނީ، ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް އެކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. “އަހަރެން މީޑިއާއަށް އިތުބާރުކުރަން، އެކަމަކު މި މައްސަލައިގައި ޙަބަރު ފަތުރާއިރު ވަރަށް ބަލައިގެން ފަތުރަން ވާނީ”، އަކްޝޭ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ތަރިން ތަރިންނަށް ހަދައިދެނީ އެމީހުންގެ ސަޕޯޓަރުން ކަމަށާއި، އެހެންކަމުން ސަޕޯޓަރުން ހިތްހަމަނުޖެހޭ ކަހަލަ ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!