ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްތަކުގައި ރަލަށް ދެވިހިފި: ބޮބީ ޑިއޯލް

އެއްވެސް މަސައްތަކެއް ނުލިބި ފިލްމު އިންޑަސްޓްރީ އިން “ބާކީވި” ދުވަސްވަރަކީ ދިރިއުޅުމުގައި ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި، އެ މާޔޫސްކަމުގެ ތެރޭގައި ރާ ބޯން ދެވިހިފައި އެކަންތަކުން އަރައިގަތް ގޮތް މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް ހިއްސާކޮށްފިއެވެ.

90 ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅު ބޮލީވުޑްގައި ގަދަޔަށް ވިދައިލި ބޮބީ ބުނީ، އިންޑަސްޓްރީއަށް ފުރަތަމަ ނުކުތް ދުވަސްކޮޅު ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި ނަމަވެސް ފަހުން ފަހުން އައިސް ލިބެންފެށީ ފީކަޅާ ފިލްމުތައް ކަމަށެވެ. “ކޮންމެ ކޮންމެ ފިލްމެއްގެ މަސައްކަތް ކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އެއްބަސް ވަނީ ވަކި ވައްތަރެއްގެ ފިލްމުތަކަކަށް”، ބޮބީ ކިޔައިދިނެވެ.

ނަމަވެސް 51 އަހަރުގެ އެކްޓަރު ބުނީ، އެންމެފަހުން އޭނާ އިޚްތިޔާރުކުރި ފިލްމުތައް ފްލޮޕް ވާން ފެށީ ކަމަށާއި، އެހިސާބުން އޭނާގެ ކެރިއަރު ވެސް އަޑިއަޅައިލީ ކަމަށެވެ. އަދި ކުރިން އެތައް ކާމިޔާބު ފިލްމުތަކެއް ކުޅެފައި ހުއްޓަސް، އާ މޫނުތަކެއް ނުކުމެ އޭނާގެ ޖާގަ އަތުލީ ކަމަށް ބުންޏެވެ.

“އަހަރެން ފިލްމު ކުޅެން ނުކުތް އިރު ޕީއާރަކީ އޮންނަ އެއްޗެއް ނޫން. އެކަމަކު މަޑުމަޑުން އެކަން ވުޖޫދަށް އަންނަމުން، އެހެން ބަޔަކު ނުކުމެ އަހަރެންގެ މަގާމު އަތުލައިފި”، އެންމެފަހުން އުއްމީދު ކަނޑާލައިގެން ހުރީ ކަމަށް ބުނަމުން ބޮބީ ކޔައިދިނެވެ.

ބޮބީ އިތުރަށް ބުނީ، ކުޅޭނެ ފިލްމެއް ނުލިބި ގޭގައި ހުންނަން ޖެހުމުން މީހާ ވަރަށް ބޮޑަށް މާޔޫސްކޮށްލި ކަމަށެވެ. “ދެން އެ ހާސްކަމުން އަރައިގަންނަން އަހަންނަށް އިޚުތިޔާރު ކުރެވުނީ ރާ. އަހަރެން ހަމަ ރަނގަޅަށް ވެސް ރަލުގެ އަޅަކަށް ވެފަ ހުރީ”، ބޮބީ ހިއްސާކުރިއެވެ. ނަމަވެސް އޭނާ ބުނީ، އާއިލާ މީހުން އޭނާ އެ ހާލުގައި ފެނިގެން ވަރަށް ކަންބޮޑުވެ ހިތާމަކުރި ކަމަށެވެ.

“އަހަރެންގެ ދަރިން އެކުދިންގެ މަންމަ ކައިރީގަ އަހަނީ ބައްޕަ ދެން ކޮން ދުވަހަކުންހޭ މަސައްކަތަށް ދާނީ. އެ އަޑު އިވިގެން އަހަންނަށް ހަމަހޭވެރިކަންވީ”، ރަލުގެ ވަބާއިން ސަލާމަތްވުމަށް އެހީވެދިން އެންމެ ބޮޑު ކަމަކީ އެއީ ކަމަށް ބޮބީ ބުންޏެވެ.

ދެން ބޮބީއަށް ނަސޭހަތް ދިނީ ސަލްމާން ޚާނެވެ. އެގޮތުން ސަލްމާން ވަނީ ވަރަށް މުހިއްމު އެއްޗެއް ކިޔައިދީފައި ކަން ބޮބީ ހާމަކުރިއެވެ. “ސަލްމާން ބުނީ އޭނައަށް ކުރިމަތިވި އަޑިގަނޑުން އަރައިގަތީ އަހަރެންގެ ބޭބެ (ސަނީ) އާއި ސަންޖޭ ދަތުގެ އެހީއާއެކު ކަމަށް. އެގޮތުން އެމީހުންނާއެކީ ފިލްމު ކުޅެގެން އަލުން ފައިމައްޗަށް ތެދުވީ ކަމަށް ބުނީ. އޭނަ ބުނީ ބައެއް ފަހަރު އެހެން އެކްޓަރުންގެ އެހީއާއެކީ އޭ ކުރިއަރާނީ. އެހެން ބުނީމަ އަހަރެން އެދުނީ ސަލްމާނާއެކު ފިލްމެއް ކުޅެން”.

ބޮބީ ވަނީ 2008 ވަނަ އަހަރު ސަލްމާނާއެކު “ހީރޯޒް” ކިޔާ ފިލްމެއް ކުޅެފައެވެ. އެ ފިލްމުގައި ޕްރިތީ ޒިންތާ، މިތުން ޗަކްރަބަތީ އަދި ސަނީ ޑިއޯލް މެން ފަދަ ވަރުގަދަ ކާސްޓެއް ފެނިގެން ގޮސްފައި ވެއެވެ. އަދި އޭގެފަހުން ބޮބީ އޭނާގެ ބައްޕަ ދަރްމެންދުރަ އަދި ބޭބެ ސަނީއާއެކު ކުޅުނު އާއިލީ ފިލްމު “ޔަމްލާ ޕަގްލާ ދިވާނާ” އަކީ ވަރަށް މަގުބޫލުވި ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ބައެއް ވެސް ވަނީ 2018 ވަނަ އަހަރު ގެނެސްދީފައެވެ. ބޮބީ މިހާރު ފެނިގެންދަނީ “އާޝްރަމް” ކިޔާ ވެބް ސީރީޒަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!