ބިގް ބޮސްގެ ގޭގައި ސްޕާ އަކާއި، މޯލް އަކާއި ތިއޭޓާ އެއް!

ކަލާޒް ޗެނަލުން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ މި އަހަރުގެ ސީޒަން ހުރިހާ ގޮތަކުން ވެސް ތަފާތެވެ. “ބިގް ބޮސް 14” މިހާ ތަފާތު ވުމުގެ އެއް ސަބަބަކީ މިވަގުތު މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ޝޯއަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައި ވާއިރު، މިފަހަރުގެ ބިގް ބޮސްގެ ގޭތެރެއަށް ވެސް ވަނީ ކުރިން ނުފެންނަ ވަރުގެ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކަލާޒް ޓީވީގެ އޮފިޝަލް މީސްމީޑިއާ ޕޭޖުތަކުން މިއަދު ފޭނުންނަށް ދޫކޮށްލި ވީޑިއޯއިން ފެންނަނީ، ބިގް ބޮސްގެ ގޭގައި އަލަށް ސްޕާ އަކާއި، ބާޒާރުކުރާ މޯލެއް އަދި ފިލްމު ބަލާ ތިއޭޓާއެއް ޤާއިމުކޮށްފައި ވާ މަންޒަރެވެ.

ކުރީގެ އެއްވެސް ސީޒަނަކުން ނުފެންނަ މި އާ ބަދަލުތައް ގެންނަން ނިންމީ، ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު އެފަދަ އުފާތަކުން މަހުރޫމުވެފައި ވާތީ، ގޭގައި ތިބެގެން އެކަން ކުރެވޭތަން ދެއްކުމުގެ ބޭނުމުގައެވެ. އަދި އަނެއް ބޭނުމަކީ ބައިވެރިން މުނިފޫހިފިލުވައިދިނުން ކަމަށް ބިގް ބޮސްގެ ގޭތެރެ އަލުން ޑިޒައިންކުރި ފަރާތްތަކާ  ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ގޭތެރެ އަލުން ޑިޒައިން ކުރުމަށް ނެގީ 45-50 ދުވަސް ކަމަށް އެފަރާތުން ބުނެއެވެ.

ބިގް ބޮސް 14 ގެ ޕްރިމިއާ ރެއަކީ މާދަމާ ރެއެވެ. އަދި މިފަހަރުގެ އާ ބަދަލުތަކާއެކު ބެލުންތެރިން ޝައުގުވެރިވާނެ ގިނަ ކަންތައްތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!