ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގުރުވަތު ނަގައިފި

ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގުރުވަތު ނަގައިފިއެވެ. ކޯވިޑްގެ ނުރައްކަލުގެ ސަބަބުން އެހެން އަހަރުތަކާ ޚިލާފު ކްލަބްތަކުގެ އޮފިޝަލުންނާ ނުލާ ޔޫއެފްއާއިން ބޭއްވި ރަސްމިއްޔާތުގައި ނެގި ގުރުވަތުގައި މުބާރާތުގައި ވާދަކުރާ 32 ޓީމު ވަނީ އަށް ގްރޫޕަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައިި ހަތަރު ޓީމު ހިމެނޭ އިރު މި ސީޒަންގެ ގްރޫޕް ސްޓޭޖުން ވެސް ވާދަވެރި މެޗުތަކެއް ފެނިގެންދާނެއެވެ.

ގްރޫޕް އޭ

މި ގްރޫޕްގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްއާ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް، މިދިޔަ ސީޒަންގެ މުބާރާތުގައި ހުނަރުވެރި ކުޅުމެއް ދެއްކި ޓީމެއް ކަމަށްވާ އޮސްޓްރިއާގެ ސަލްސްބާގް އަދި ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯއެވެ.

ގްރޫޕް ބީ

ގްރޫޕް ބީގައި ހިމެނެނީ ސްޕެއިންގެ ޗެމްޕިއަންސް ރިއަލް މެޑްރިޑާ، ޔޫކްރެއިންގެ ޝަކްތާރް ޑޮނެޓްސްކް، އިޓަލީގެ އިންޓާ މިލާން އަދި ޖަރުމަނުގެ ބޮރޯޝިޔާ މޮންޗެންގްލެޑްބެކް އެވެ

ގްރޫޕް ސީ

އިނގިރޭސި ޓީމު ސިޓީއަށް މިފަހަރު ވެސް ލިބިފައިވަނީ ފަސޭހަ ގްރޫޕެކެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލްގެ ޕޯޓޯއާ ގްރީސްގެ އޮލިމްޕިއާކޯސް އަދި ފަރަންސޭސި ޓީމު މާސޭއެވެ.

ގްރޫޕް ޑީ

އިންގްލިޝް ޗެމްޕިއަންސް ލިވަޕޫލްގެ ގްރޫޕް ސްޓޭޖްގެ ބައިވެރިންނަށް ބަލާ އިރު މި ގްރޫޕްގައި ދެން ހިމެނެނީ ނެދަލޭންޑްސްގެ އަޔެކްސް، އިޓަލީގެ އެޓްލާންޓާ އަދި ޗެމްޕިއަންސްގައި މުޅިން އަލަށް ކުޅޭ މިޓިލޭންޑް (ޑެންމާކް)އެވެ.

ގްރޫޕް އީމި ގްރޫޕްގައި ފެނިގެން ދާނީ މިދިޔަ ސީޒަންގެ ޔޫރަޕާ ލީގު ޗެމްޕިއަންސް ސެވިއްޔާއާ އިނގިރޭސި ޓީމު ޗެލްސީގެ އިތުރުން ރަޝިޔާގެ ކްރަސަނަޑޯއާ އަދި ފަރަންސޭސި ޓީމު ރެނޭއެވެ.

ގްރޫޕް އެފް

ރަޝިޔާގެ ޒެނިތް ސެއިންޓް ޕީޓަސް ބާގް، ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް، އިޓަލީގެ ލާޓްޒިއޯ އަދި ބެލްޖިއަމްގެ ބްރޫޖުސް މި ގްރޫޕްގައި ވާދަކުރާނެއެވެ.

ގްރޫޕް ޖީ

މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތައް ފަށާ އިރު އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓޭނީ މި ގްރޫޕްގެ މެޗުތަކަށް ކަން ޔަޤީނެވެ. ސަބަބަކީ އެމެޗުތަކުން އަދި ވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ހުނަރުވެރި ދެކުޅުންތެރިން ކަމަށްވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ މިރޮނާލްޑޯއާ ބާސަލޯނާގެ ލައިނަލް މެސީ އެކަކު އަނެކަކާ ވާދަ ކުރާތަން ފެނިގެން ދިއުމުގެ ފުރުސަތު އޮތުމެވެ. އެގްރޫޕްގައި ދެން އޮތީ ޔޫކްރެއިންގެ ޑައިނަމޯ ކިއެވް އަދި ހަންގެރީގެ ފްރެންކަވޯސީ އެވެ.

ގްރޫޕް އެޗްމިސީޒަންގެ އެންމެ އުނދަގޫވާނެ ކަމަށް ބެލެވޭ މި ގްރޫޕްގައި ވާދަ ކުރާނީ މިދިޔަ ސީޒަންގައި ފައިނަލުން ބަލިވި ޕީއެސްޖީއާ، ސެމީއިން ކެޓި ޖަރުމަނުގެ އާރްބީ ލެއިޕްޒިގް އަދި ތުރުކީގެ އިސްތަންބުލް ބަސަކްސޭހިރެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޗުގެ މެޗުތައް ފަށާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!