އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބަދުނާމު އެޅޭކަށް އެމްޑީޕީން ބޭނުންނުވޭ: ހަސަން ލަތީފް

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ބަދުނާމު އެޅޭކަށް އެމްޑީޕީން ބޭނުންނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ނާއިބް ރައީސް އަހުމަަދު އަދީބު އިއްޔެ ކްރިމިނަލް ކޯޓްގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ.

ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ނަންތައް ހާމަކޮށް އެފަރާތްތަކަށް ޝަރީއަތްކޮށް އިންސާފު ގާއިމް ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމު އެޅޭނެ ކަމަށެވެ.

ނަމަވެސް އެ ބަދުނާމު އެޅެން އެމްޑީޕީން ބޭނުން ނުވާ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!