އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން އެއްވެސް މަންފާއެއް ހޯދާފައިނުވާނެ: ޢަދާލަތު ޕާޓީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން އެއްވެސް ފައިސާއެއްގެ މަންފާއެއް ހޯދާފައިނުވާނެކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން މިފަދައިން ބުނެފައި ވަނީ މިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އާއި ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތް ދައުވާ އަށް އިއުތިރާފުވެ އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ޢަދާލަތު ޕާޓީން ކުރި ޓްވީޓެގައި ބުނީ އެ ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމިނުގެ ވެރިކަމުގައި ހިނގަމުންއައި ޚިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކާފައިވާ ޕާޓީކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ހިންގަވަމުން ގެންދެވި ޣައިރު ޤާނޫނީ ކަންކަމުގެ ވާހަކަ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ އެންމެ ފުރަތަމަ ދެއްކީ ވެސް ޢަދާލަތު ޕާޓީންކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެ ގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން ހޯދިކަމަށް ތުހުމަތުކުރާ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއްގެ މަންފާއެއް އެ ޕާޓީއަށްކޮށްފައި ނުވާކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށާއި އެ ޕާޓީގެ އެންމެހައި މެންބަރުންނަށް ދެއްވާކަމަށް ވެސް ޢަދާލަތު ޕާޓީން ބުނެއެވެ.

އޭގެ އިތުރުން ޢަދާލަތު ޕާޓީން ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ޝާމިލްވި ހުރިހައި ފަރާތްތަކާއި އެފަދަ ފަރާތްތަކުން ހިންގަވާފައިވާ މުޢާމަލާތްތަކުގެ ތަފުސީލު ކަމާ ގުޅުންހުރި އިދާރާތަކުން ލަސްނުކޮށް ހާމަކުރުމަށް ގޮވައިލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!