ކަޅުވުމަކީ މައްސަލައެއް ނޫންކަމަށްބުނެ ޝާހުގެ ދަރިފުޅު ކުރި ޕޯސްޓު އަތަށް ގޮވައިފި

ބޮލީވުޑްގެ ޚާނުންގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ދެކޭ ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނަކީ ހަމުގެ ކުލަ އަނދިރިވުމުން މީހުންގެ ނަފްރަތާއި ފުރައްސާރަ ކުރިމަތިވި ކުއްޖެއް ކަމަށްބުނެ އިންސްޓަގްރާމްގައި އިއްޔެ ހިއްސާކުރި ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

ސުހާނާގެ ޕޯސްޓު

ސުހާނާ، 20، ހިއްސާކުރި ޕޯސްޓުގައި އޭނާގެ ފޮޓޯއަކާއެކު، އޭނާއަށް މަލާމަތްކުރި ބައެއް މީހުންގެ މެސެޖުތަކުގެ ސްކްރީންޝޮޓުވެސް ލައިފައި ވެއެވެ. އަދި ކެޕްޝަންގައި ލިޔެފައިވަނީ، ހަމުގެ ކުލައިގެ ސަބަބުން އޭނާއަށް ކުރިމަތިވި މަލާމާތުގެ ވާހަކައެވެ.

“އަހަރެންގެ އުމުރުން 12 އަހަރުން ފެށިގެން އަހަންނަކީ ހުތުރު ކުއްޖެއް ކަމަށްބުނެ ބޮޑެތި މީހުންގެ ފަރާތުން ވެސް ފުރައްސާރަ ކުރިމަތިވަމުން އައީ. އެކަމަކު އަހަރެމެންނަކީ އިންޑިއާ މީހުންނަށްވެފައި، އަހަރެމެންނަށް ގުދުރަތުން ލިބިފަވަނީ މުށިކުލައިގެ ހަމެއް. މުށީގެ އެކި ކުލަތައް އަހަރެމެންގެ ތެރެއިން އެކި މީހުންނަށް ލިބިފައި ވިޔަސް، ކިތަންމެ ބޭނުންވިޔަސް އަދި ދޮން ބައެއް ކަމުގައި ނުވާނެ”، ސުހާނާ ލިޔެފައިވެއެވެ.

މީގެ އިތުރުން ސުހާނާ ބުނީ އިންޑިއާ މީހުން އެމީހުންގެ އަމިއްލަ ޤައުމުގެ މީހުންނަށް އެގޮތަށް މަލާމާތްކޮށް ފުރައްސާރަކުރުމުން ދޭހަވަނީ އެމީހުން އަމިއްލަ ނަފްސާމެދު ހިތްހަމަނުޖެހޭކަން ކަމަށެވެ. އަދި މީސްމީޑިއާއާއި މުޖުތަމައު ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުންޏެވެ. “ގިނަ މީހުންނަށް ހީވެފަ އޮންނަނީ އިސްކޮޅުން 5ފޫޓު7އިންޗި ހަމަނުވެ، ދޮން ހަމެއް ލިބިފައި ނުވާނަމަ އެއީ ހަޑި މީހެކޭ. އެކަމަކު އެއީ ތެދެއް ނޫންކަން އަހަރެން ސާބިތުކޮށްދޭން ބޭނުން. އަހަރެންގެ އިސްކޮޅަކީ 5ފޫޓު3އިންޗި އަދި އަހަރެންގެ ހަމުގެ ކުލައަކީ މުށިކުލަ. މިކަމާ އަހަރެން އުފާކުރަން”، ޒުވާން ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ސުހާނާ ލިޔެފައިވެއެވެ.

ނަމަވެސް ކަޅުވުމަކީ މައްސަލައެއް ނޫންކަން ދޭހަކޮށްދީ ސުހާނާ ލިޔުނު މި ޕޯސްޓަށް ޓްވިޓާގައި މީހުން ފާޑުކިޔަން ފެށީ އޭނާ ކަޅުވެގެންނެއް ނޫނެވެ. ސުހާނާއަށް މަލާމާތްކޮށް، “ދެފުށްކެހެރި” އަކަށް ގޮވަންފެށީ އޭނާގެ ބައްޕަ ޝާހުރުކް ޚާނަކީ މީގެކުރިން ދޮންވާ ކްރީމުތައް އިސްތިހާރު ކޮށްފައިވާ މީހަކަށް ވާތީއެވެ.

“ސުހާނާގެ ވާހަކައަށް އަހަރެން އެއްބަސް، އެކަމަކު ކަޅުމީހުންނާ މެދު ތަފާތުކުރުން ގެންގުޅުން ހުއްޓުވަން ޖެހޭނީ ފުރަތަމަ އަމިއްލަ ގެއިން. ތިބާގެ ބައްޕަ މީގެ އަހަރުތަކެއް ވަންދެން ޕްރޮމޯޓުކުރަމުން އައި ކަންތަކަށް މުޖުތަމައުން ތާއީދުކުރާތީ އެކަމުގަ މުޖުތަމައު ކުށްވެރިކޮށްގެން ނުވާނެ”، ޝާހްރުކް ޚާން ‘ފެއާ އެންޑް ހެންޑްސަމް’ ކްރީމް އިސްތިހާރުކުރަން ނަގާފައިވާ ފޮޓޯއަކާއެކު އެކަކު ލިޔެފައިވެއެވެ.

ފިރިހެނުން ދޮންވާން ބޭނުންކުރާ ‘ފެއާ އެންޑް ހެންޑްސަމް’ ކްރީމަށް ޝާހު ކުޅެދީފައިވާ ގިނަ އިސްތިހާރުތަކެއްގެ ޕޯސްޓަރުތައް ހިއްސާކުރަމުން ގިނަބަޔަކު އަންނަނީ ސުހާނާއަކީ ދެމޫނުގެ ވެރިއެއް ކަމަށް ބުނަމުންނެވެ. އަދި ފުރަތަމަ އަމިއްލަ ބައްޕައަށް ވިސްނައިދިނުމަށް ގޮވާލާފައި ވެއެވެ.

ކަޅު މީހުންނާމެދު ތަފާތުކުރުން ގެންގުޅުމަކީ އިންޑިއާގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އެގޮތުން މިކަމާ ގުޅިގެން މިހާރު ގިނަ ތަރިންތަކެއް އަންނަނީ ދޮންވާން ބޭނުންކުރާ ޕްރޮޑަކްޓުތައް އިސްތިހާރު ކޮށްދޭން ވެސް ދެކޮޅު ހަދަމުންނެވެ. އަދި އެކަހަލަ އިސްތިހާރުތައް ކުޅެދޭ ތަރިންނަށް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވަމުން ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!