އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރި ކަމެއް: އަދީބު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައިގައި ރަށްތަކާއި ފަޅުތައް ދޫކޮށްގެން، ލިބުނު ފައިސާ އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކުގެ އެކައުންޓަކަށް ޖަމާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިރުޝާދާ އެކުގައި ކަަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ.

ދަޢުލަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ދެ ދަޢުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއަކާއި މަނީ ލޯންޑްރިންގ ގެ ދެ ދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާއެއްގެ އިތުރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދަޢުވާއެވެ. މި ހަތް ދައުވާއަށް އަދީބު މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފައެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު މައްސަލަކަމަށާއި، ދައުލަތަށް އެއްބާރުލުން ދޭން ނިންމެވީ މިމައްސަލަ އިތުރަށް ސާފުވެ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ލިބެންޖެހޭތީކަމަށެވެ. އަދީބު ވިދާޅުވިގޮތުގައި މި މަޢުލޫމާތުތަކަކީ އޭނާ ސާފުކޮށް ނުދެއްވައިފިނަމަ އެނގޭނެ ވާހަކަތަކެއްވެސް ނޫންކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ކުރީ ސަރުކާރުން މި މައްސަލަ ބެލުމުގެ ބަދަލުގައި މަސައްކަތް ކުރީ އަދީބާއި ދެތިން މީހެއްގެ ބޮލުގައި މައްސަލަ އަޅުވާ ނިންމާލުމަށެވެ. އަދި ގެއްލުނު ފައިސާ ހޯދުމަށްވެސް ރައީސް ޔާމީންގެ ސަރުކާރުން ބޭނުންނުވާކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށާއި، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤްޞާދު ބަދަލުކޮށްގެންކަމަށާއި، އެގޮތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޯށް ރަށްތައް ދިނުންކަމަށެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ބިޑު ކުރުމެއްނެތި ވަކި ބަޔަކަށް މަންފާވާގޮތަށް ރަށްތަކާއި، ފަޅުތައް ދޫކޮށްފައިވާއިރު، އޭރު އެކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށާއި، އެމްއެމްއޭއިން ފެށިގެން ދައުލަތުގެ އެކި އެކި މާލީ އިދާރާތަކުގެ ތެރެއިން އެ ފައިސާ ދައުރުވެފައި ވަނީ، ވެސް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަަމަށް އަދީބު ވިދާޅުވިއެވެ.

އޭގެ އިތުރުން ސީދާ ރައީސް ޔާމީނަށް އެނގިވަޑައިގެން އެސްއޯއެފް މެދުވެރިކޮށް، އެމަނިކުފާނުގެ އެކައުންޓަށްވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދި މިކަން ފެށިީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ބޭރުގެ އެކި ފަރާތަތކުން 200 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށާއި އެ ފައިސާ ލިބުމުން އަނބުރާލާ ގޮތަށް ސަރުކާރުގެ ތަންތަނުން ލާރި ނެގުމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވެ އޭގެއިން މަންފާތަކެއް ހޯދައިފައިވާ ކަމެއްކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާއި އަދި އޭރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި ނެގި އެތައް ވޯޓްތަކަކާއި އެތައް މެންބަރުންނެއް އެފައިސާ ބޭނުންކޮށްފައިވާކަމަށްވެސް އަދީބު ތުހުމަތުކުރެއްވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެތައް ބަޔަކު ވިޔަފާރިތައް ފަށާ މިހާރުވެސް މަންފާ ހޯދަމުން އަންނަކަމަށެވެ. އަދީބު ވިދާޅުވީ އޭނާ ޝަރީޢަތަށް ކިޔައިދޭ ވާހަކަތަކުންނާއި، ދޭ އެއްބާރުލުމުން އެމީހުން ހޯދައި އިންސާފު ޤާއިމްކުރެވި އެފައިސާތައް ދައުލަތަށް ހޯދިދާނެކަމަށެވެ. އެގޮތުން ރައީސ ްޔާމީންގެ އެކައުންޓަށްވެސް ފައިސާ ވަދެފައިވާކެމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޝަރޢީަތުގެ މަޖިލީހުގައި އަދީބު ދައުވާތަކަށް އިއުތިރާފުވުމުން، މައްސަލަ ބައްލަވާ ގާޒީ މަސައްކަތް ކުރެއްވީ ދެފަރާތުން އިއުތިރާޒު ނުކުރާނަމަ، އަވަސް ނިޔާއިން މައްސަލަ ނިންމައި ހުކުމް ކުރާށެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރެއެވެ. ނަމަވެސް އަދީބު އިތުރު ފަސް ދުވަސް ދިނުމަށް އެދުމުން ގާޒީ ވަނީ އަންނަ ހޯމަ ދުވަހު ހުކުމް ކުރުން އޮންނޭކަމަށް ވިދާޅުވެ ޝަރީއަތް ނިންމަވާލައްވާފައެވެ. އަދި ހުކުމްކޮށް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ވެސް ގާޒީ އަމުރު ކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!