މަސްތުވާތަކެތި ބޭނުންކުރި މީހަކީ ހަމައެކަނި ސުޝާންތު: ރިއާގެ ވަކީލު

މަސްތުވާތަކެތި ބޭނުންކުރި މީހަކީ ޖޫން މަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ކަމަށާއި، މިވަގުތު ހައްޔަރުކޮށްފައި ހުރި ބަތަލާ ރިއާ ޗަކްރަބަތީއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް ރިއާގެ ވަކީލު ބުނެފިއެވެ.

ރިއާގެ ކަފާލާތަށް އެދިގެން މުމްބާއީ ހައި ކޯޓަށް ހުށަހެޅި މައްސައަލާ ބެހޭގޮތުން މިއަދު އޮތް އަޑުއެހުމުގައި ވާހަކަ ދައްކަމުން ރިއާގެ ގާނޫނީ ވަކީލު ސަތިޝް މަންޝިދޭ ބުނި ގޮތުގައި، ރިއާ މަސްތުވާތަކެތި ގަތްން ކަމެއް، ނުވަތަ ވިއްކި ކަމުގެ ހެއްކެއް ވެސް ފެންނަން ނެތް ކަމަށެވެ. “އޭނައަކީ މަސްތުވާތަކެތީގެ ނެޓްވޯކުގެ އެކްޓިވް މެންބަރެއް ކަން އެނގެން ހުރި އެއްވެސް ހެއްކެއް ނެތް”.

ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ރިއާ ކަފާލާތުގެ ދަށުން ދޫކުރުމަށް އިންކާރު ކޮށްފައެވެ. އެގޮތުން އެންސީބީގެ ފަރާތުން ވާހަކަދެއްކި އޮފިސަރު ބުނީ، ސުޝާންތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އެނގިހުރެ ރިއާ އެކަމަށް އެއްބާރުލުންދީ، މަސްތުވާތަކެތި ފޮރުވަދީ އެކަން ސިއްރެއްގެ ގޮތުގައި ބޭއްވި ކަމަށެވެ.

ނަމަވެސް އެއަށް ރައްދުދެމުން ރިއާގެ ވަކީލު ބުނީ، ސުޝާންތު ދިރިއުޅެމުން އައީ އަމިއްލަ ގޭގައި ކަމަށްވުމުން، އެގޭގައި ރިއާ މަސްތުވާތަކެތި ފޮރުވާނީ ކިހިނެއްތޯއެވެ. “ސުޝާންތުގެ އަމިއްލަ ގޭގައި ރިއާ މަސްތުވާތަކެތި ފޮރުވަންވީ ކީއްވެ؟ މި ތުހުމަތުގަ އެބަ ބުނޭ ސުޝާންތު ރިއާގެ ގެއަށް މަސްތުވާތަކެތި ބަންދުކޮށްފަ، ފޮރުވަންވެގެން ފޮނުވި ކަމަށް. އެކަމަކު ސުޝާންތު ރިއާމެން ގެއަކު ނޫން އުޅުނީ އެ މުއްދަތުގަ”، އެއީ ހަމަނުޖެހޭ ވާހަކައެއް ކަން ފާހަގަކޮށް ވަކީލު ބުންޏެވެ.

ނަމަވެސް އެންސީބީއިން ބުނީ ރިއާއާއި ރިއާގެ ކޮއްކޮ ޝޮވިން އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ބޮޑު ނެޓްވޯކަކާ ޤަވާއިދުން މުއާމަލާތް ކުރަމުންދިޔަ ބައެއް ކަމަށެވެ. ހަމައެހެންމެ ކްރެޑިޓް ކާޑުތަކާއި، ނަގުދު ފައިސާއިން އަދި އެހެން ގޮތްގޮތުން މަސްތުވާތަކެތި ގަނެ އުޅުނު ކަމަށްވެސް ތުހުމަތުކުރެއެވެ.

“އެއީ ސުޝާންތުގެ ބޭނުމަށް ގަތްން އެއްޗެހި. އެ އެއްޗެހި ރިއާ ވިއްކި ކަމެއް ނުވަތަ ރިއާއާއި ޝޮވިކް ބޭނުންކުރި ކަމެއް އެނގޭކަށް ނެތް. މަސްތުވާތަކެތި ބޭނުންކުރި މީހަކީ ސުޝާންތު”. ރައްދުގައި ރިއާގެ ވަކީލު ބުންޏެވެ. މީގެ އިތުރުން ވަކީލު ފާހަގަކުރި އަނެއް ކަމަކީ، ރިއާގެ އަމިއްލަ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑަކުން އެކަހަލަ މުއާމަލާތެއް ހިންގާފައި ނުވާ ކަމެވެ.

އެންސީބީގެ އެދުމުގެ މަތިން، ރިއާއާއި ޝޮވިކްގެ ބަންދުގެ މުއްދަތު ވަނީ އޮކްޓޯބަރު 6ށް އިތުރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!