ދިޕިކާގެ މައްސަލަ ބަލަންޏާ ކަންގަނާގެ މައްސަލަ ވެސް ބެލެންޖެހޭނެ: އަރްޝީ

ބޮލީވުޑްގެ ބައެއް ތަރިންނާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބަލަމުން ދާއިރު، ހަމައެކަނި ވަކި ތަރިންތަކެއް ފަހަތުން އުޅެނީ ކީއްވެތޯ މޮޑެލް/ޓީވީ އެކްޓްރެސް އަރްޝީ ޚާން ސުވާލު އުފައްދައިފިއެވެ.

“ބިގް ބޮސް 11” ގައި ބައިވެރިވެގެން މަޝްހޫރުވި އަރްޝީ، މުނިފޫހިފިލުވުމުގެ ޙަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މަސްތުވާތަކެތި ބޭނުންކުރަނީ ހަމައެކަނި ބޮލީވުޑް ތަރިން ނޫން ކަމަށާއި، އެއީ ވަރަށް ގިނަ ދާއިރާތަކުގެ މީހުން ކޮށްއުޅޭ ކަމެއް ކަމަށެވެ.  “އެހެންވީމަ ފުލުހުންނާއި މީޑިއާތަކުން ވެސް ހަމަ އެކްޓަރުންނަށް މިދޭ ސަމާލުކަން އެމީހުންނަށް ވެސް ދޭންޖެހޭނެ”.

މީގެ އިތުރުން އަރްޝީ ވަނީ ބަތަލާ ކަންގަނާ ރަނައުތަށް ވެސް ފާޑުކިޔައިފައެވެ. އެގޮތުން އަރްޝީ ބުނީ، ކަންގަނާ އަކީ ވެސް ޚުދު ޑްރަގް އެޑިކްޓެއް ކަމަށް ކުރިން އެއްބަސްވެފައިވާ މީހެއް ކަމަށާއި، އެހެންކަމުން އޭނާގެ މައްސަލަވެސް އެންސީބީ އިން ބަލަންޖެހޭނެ ކަމަށެވެ.

“މިސާލަކަށް ދިޕިކާއާ ބެހޭ މައްސަލަ ފެންމަތިވެގެން މިއުޅެނީ 2017 ގެ ޗެޓު ލޮގްތަކެއް ތަހުގީގަށް ފެނިގެން. އެއީ ވެސް ބުނެވިދާނެ ދޯ ކުރީގެ ކަމެކޭ، ދިޕިކާ މިހާރު މަސްތުވާތަކެތި ބޭނުމެއް ނުކުރެޔޭ. އެކަމަކު ވެސް އެންސީބީއިން އެއޮއް ސުވާލު ކުރަނީ ދިޕިކާއާ. ހަމަ އެގޮތަށް ކަންގަނާ އެބުނާ މަސްތުވާތަކެތީގެ ކަންތައްވެސް ބަލަންޖެހޭ، އެއީ ކިތަންމެ ކުރީގެ ކަމަކަށް ވިޔަސް. އޭނައާ ވެސް ސުވާލުކުރަންޖެހޭ އޭނައަށް މަސްތުވާތަކެތި ދިނީ ކާކުތޯ އާ މި ހުރިހާ އެއްޗެއް”، އަރްޝީ ފާހަގަކުރިއެވެ.

އިންޑިއާގައި އޮތް މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅަކާ ބެހޭގޮތުން ސުވާލުކުރުމުން 30 އަހަރުގެ އެކްޓެސް ބުނީ، ވަޒީފާއަކަށް ނުކުންނަ ކޮންމެ މީހެއްގެ ވެސް ޑްރަގް ޓެސްޓު ހަދަންޖެހޭ ކަމަށެވެ. “މިސާލަކަށް ކުޅިވަރު މެޗެއް ކުޅުމުގެ ކުރިން ހުރިހާ ކުޅުންތެރިން އެބަ ޓެސްޓުކުރޭ މަސްތުވާތަކެއްޗަށް. އެގޮތަށް ފިލްމެއްގެ ޝޫޓިންގ ފެށުމުގެ ކުރިން ވެސް ޓެސްޓުކުރެވިދާނެ”، އަރްޝީ ބުންޏެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އަރްޝީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވެސް ކަންގަނާއަށް ފާޑުކިޔައިފައި ކަމެވެ. އެގޮތުން އޭރު އަރްޝީ ބުނީ ކަންގަނާއަކީ އެހެން މީހުންގެ ޚިޔާލު ހަޖަމުވާ މީހެއް ނޫން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!