ޓްވިންކަލްއަށް ބިސްގަނޑެއްހާ ހިސާބުވެސް އަޅާކަށް ނޭނގޭ: އަކްޝޭ

އިންޑިއާގެ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރް އާއި އަންހެނުން، ލިޔުންތެރިޔާ އަދި އެކްޓަރެއްގެ ގޮތުގައިވެސް ފެނިގެން ދިޔަ ޓްވިންކަލް ކަންނާއަކީ ބޮލީވުޑްގައި ތިބި އެންމެ ގުޅޭ އެއް ޗޯޑޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ދެމަފިރިންގެ ދެ ކުދިންވެސް ތިބެއެވެ.

ދާދި ފަހުން ޓްވީކް އިންޑިއާގެ ފަރާތުން ކުޑަކުދިންތަކެއް ކުރި ސުވާލުތަކަކަށް އަކްޝޭއާއި ޓްވިންކަލް ވަނީ ޖަވާބު ދީފައެވެ. އެގޮތުން އެމީހުންނާއި ފުރަތަމަ ސުވާލެއްގެ ގޮތުން ކުޑަކުއްޖަކު ބުނީ ފައިދާ ހުރި ކާނާ އަކީ ވަރަށް ނުބައި ކާނާ ކަމަށާއި އޭނާއަށް އެންމެ ކަމުދަނީ ބާގާ ކަމަށެވެ. އެގޮތުން އެންމެ މީރު ކާނާ އަކީ ކޮބައިތޯ އަކްޝޭއާއި ޓްވިންކަލް ކައިރިން ވަނީ އަހާފައެެވެ.

ސުވާލަށް ޖަވާބު ދެމުން އަކްޝޭ ބުނީ ފިޓްކޮށް ހުރުމަށް ނުބައި ކާނާވެސް ކާން ޖެހޭނެ ކަމަށެވެ. ނަމަވެސް ޓްވިންކަލް ވަނީ އަކްޝޭއަށް ރައްދު ދީފައެވެ. އެގޮތުން ޓްވިންކަލް ބުނީ އަކްޝޭގެ ދަރިންނަށް އަކްޝޭ ހަދަނީ ޗޮކޮލެޓް ފަރާޓާ ކަމަށާއި އެއީ ފައިދާ ހުރި އެއްޗެއް ނޫން ކަމަށެވެ.

އަކްޝޭ އިތުރަށް ބުނީ އެއްބައި ފަހަރަށް ކުދިންވެސް އުފާ ކޮށްދޭން އެކަހަލަ ކަންތައް ކުރަން ޖެހޭ ކަމަށާއި އެއީ ވަރަށް މަދު ފަހަރެއްގައި ކުރާ ކަމެއް ކަމަށެވެ.

ދެވަނަ ސުވާލެއްގެ ގޮތުން އެ އާއިލާގައި އެންމެ މީރުކޮށް ކައްކަނީ ކާކުތޯ ކުއްޖަކު ވަނީ ސުވާލުކޮށްފައެވެ. އަކްޝޭ ބުނީ އެ އާއިލާގައި އެންމެ މީރުކޮށް ކައްކަނީ އޭނާ ކަމަށާއި ޓްވިންކަލްއަށް ބިސްގަނޑެއްހާ ހިސާބުވެސް އަޅަން ނޭނގޭ ކަމަށެވެ.

“އަކްޝޭއަކީ ވެސް ވަރަށް މޮޅު ކައްކާ އެއް. އޭނާ އަށް އިނގޭނީ މަގޭ ސިނކުޑި ތެއްލަން އަދި މަގޭ ލޭ ކައްކަން! މި އާއިލާގައި އެންމެ މޮޅު ކައްކާ އަކީ ފިރިހެން ދަރިފުޅު. އޭނާ އަށް އިނގޭނެ ޕިއްޒާ އާއި ފޮނި އެއްޗެހިވެސް ހަދަން” އެވާހަކައަށް ރައްދު ދެމުން ޓްވިންކަލް ބުންޏެވެ. އަދި އަކްޝޭ ވެސް ވަނީ އެކަމަށް އެއްބަސް ވެފައެވެ.

އެހެން ކުއްޖަކު ބުނީ، އޭނާ ކާނާ ނުކައިފިނަމަ ޕޮލިސް އާއި ޖިންނި އައިސް ގެންދާނެ ކަމަށް މަންމަ ބުނާ ކަމަށެވެ. އަދި އެއީ ތެދު ވާހަކައެއްތޯ ވަނީ ސުވާލު ކޮށްފައެވެ.

އެކަމަށް ޓްވިންކަލް ބުނީ އޭނާގެ ފިރިހެން ދަރިފުޅު ކުޑައިރު، ވަކި ވައްތަރެއްގެ އެއްޗެއް ނުކައިގެން، މަޓަންލޭޑީ އައިސް އިނގިލިތައް ބުރިކޮށްގެން ތެއްލައިގެން ކާނެ ކަމަށް ބުނުމުން އާރަވް ވަރަށް ބިރު ގަންނަ ކަމަށެވެ. އަދި ޖާދުލެއްހެން އާރަވް ކާތަށި ހުސްކުރާ ކަމަށެވެ. ހަމައެހެންމެ ފްރެންޗް ފްރައިސް އަކީ މަޓަންލޭޑީގެ އިނގިލިތައް ކަމަށް ހީކޮށް ވަރަށް ދުވަހު ފްރެންޗް ފްރައިސްވެސް ނުކައި ހުރިކަމަށެވެ.

އެވާހަކަތަކަށް އަކްޝޭ ބުނީ އެއްވެސް ދަރިއަކު އެގޮތަށް ޓްރެއިން ނުކުރުވުމަށެވެ. އަދި އެގޮތަށް ބިރު ދައްކާ ހެދުމުން އުމުރު ދުވަހަށް އެ ބިރު ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!