މޭޔަރު ސިފާގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނެފައި ވަނީ، މާލޭ ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.

އެގޮތުން، މި މައްސަލައިގައި މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދު ދައުވާކުރުމަށް އޭސީސީން ޕީޖީގައި އެދިފައި ވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ.

މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ އެމަޝްރޫޢުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސިފާގެ މައްޗަށް ދައުވާ ކުރަނީ، ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކޮށްފައި ނުވާތީ އާއި، އަދި ލިޔެކިޔުމެއް ނެތި އަމިން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށް އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު މަސައްކަތްކޮށްފައިވުމާއި އެކު ސިފާ އެފަދައިން ޢަމަލުކޮށްފައިވަނީ، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމާއި އެކު ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިމައްސަަލަ ދިރާސާކުރެއްވުމަށް ފަހު، ދައުވާކުރެއްވުމަށް ކޯޓަށް ފޮނުވުމާއި މެދު ގޮތެއް ނިންމަވާނީ، ޕްރޮސެކިއުޓަރ ޖެނެރަލްއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!