ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކާއި ގުޅޭގޮތުން އީސީން ޕާޓީތަކާއެކު މަޝްވަރާ ފަށައިފި

ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ)ން މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.

މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބައި އަންގާރަ ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޕީޕީއެމާއި ޕީއެންސީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީން ވެސް ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާރޝިޕެއް ނުވަތަ އެއްވެސް ފަރާތަކުން އަންގައިގެނެއް ނޫން ކަމަށާއި މިއީ ސިޔާސީ ޕާޓީތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށާއި، ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ޕާޓީތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ހަ ވަނަ މާއްދާގެ (ފ) އޮތީ، “ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން އަންގާ ކަންކަން ކުރަން” ޖެހޭ ގޮތަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެ އަކުރުން ވަަރަށް ބޮޑެތި ބާރުތަކެއް އިލެކްޝަންސް ކޮމިޝަނަށް ޖަމާވެ އެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ އެ އަކުރު އުވައިލާށެވެ. އެ ހުށަހެޅުއްވުމަށް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް ތާއީދުކުރި އެވެ.

ޕާޓީތަކުން ބުނީ އެ އަކުރުގެ ސަަބަބުން އެހެން މާއްދާތަކުގެ ބާރު ވެސް ކެނޑިގެންދާ ކަމަށެވެ.

ޕާޓީތަކުން އެދުނު ގޮތަށް އެއީ އިސްލާހެއް ގެންނަން ޖެހޭ ކަމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މުހިއްމު ބައެއް އިސްލާހުތަކުގެ ތެރޭގައި ދަރަންޏަށް ޒިންމާވުމާއި ޕާޓީތަކުގެ މަގާމްތަކުގައި 33 ޕަސެންޓް އަންހެނުން ތިބުމާއި ގާނޫނާ ޚިލާފުވުމުން އަޅާ ފިޔަވަޅުގެ ޖޫރިމަނާ ބޮޑު ކުރުމާއި އިސް މަގާމްތަކާ ހަވާލުވެ ތިބޭ މީހުން ޖޫރިމަނާކުރުމާއި އިންތިޚާބުތަކުގައި އީސީގެ ދަފްތަރަށް ވޯޓުލުމާއި ވަކި މުއްދަތަކަށް ޕާޓީ ސަސްޕެންޑްކުރން ހިމެނެ އެވެ.

ބައެއް އިސްލާހުތަކުން ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅޭތީ އާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް މާއްދާތައް އުވާލަން ޕާޓީތަކުން މިއަދު އެދުނެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލައިގެން އެތެރޭގެ އިންތިޚާބުތައް ކުރިއަށް ގެންދަން ވެސް ޕާޓީތަކުން ދެކޮޅެވެ.

އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އެ ކޮމިޝަންގެ ގާނޫނު އިސްލާހު ކުރަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ނުފޫޒެއް އޮވެގެން ވެސް ނޫން ކަމަށެވެ. ބޭނުމަކީ ޕާޓީތައް އިތުރަށް ޒިންމާދާރުކުރުވައި ބާރުވެރިކުރުވުން ކަމަށް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!