9 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގެ އިތުރު 9 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އެ 9 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށިއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށިއެވެ. އަދި ހަތަރު ވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެއް ކަމަށްވާއިރު އެ ރަށް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑާ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރު މަހުލޫފް ވަނީ މިއަދު ވިދާޅުވެފައެވެ.

އެ ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑާ ބޯޑުންނެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ 9 ރަށުގެ ދަނޑުގައި ޓާފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 30 މިލިއަން ރުފިޔާ ކަމަށެވެ. އަދި ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!