ގެސްޓު ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އެކު މަޝްވަރާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ތަންތަން ބަންދުކޮށްފައިވާއިރު، އަލުން ގެސްޓް ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލްޢާއި މަޝްވަރާކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އެކު މަޝްވަރާކުރެވުނީ އަންނަ އޮކްޓޯބަރުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން އެފަރާތްތަކުން ވެފައިވާ ތައްޔާރީތަކާއި ގުޅިގެންނެވެ.

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ފިޔަވައި އެހެން ރަށްތަކުގެ ގެސްޓް ހައުސްތައް އަންނަ މަހު 15 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާނީ މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތަށް ބެލުމަށްފަހު ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ރަށްރަށުގެ ގެސްޓުހައުސްތަކަށް ދިޔުމުގެ ހުއްދަ އެއްވެސް އަދި ދީފައެއް ނުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގެސްޓުހައުސްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާއިރު، ގެސްޓު ހައުސްތައް ހުންނަ ކޮންމެ ރަށެއްގައި ފްލޫ ކްލިނިކް ގާއިމްކޮށްފައި ހުންނަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިންވަނީ ބުނެފަ އެވެ.

ގެސްޓްހައުސްތައް ހުޅުވުން ލަސްކުރީ ގެސްޓުހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނަށް ވުމުގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތް އިތުރަށް ބަލަން ކަމަށް އެޗްއީއޯސީންވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!