މަންދިރާ އާއި މޯނީ ރާއްޖޭގައި މަޖާނަގަނީ

މިދިޔަ އަހަރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ދެ ބަތަލާ އިން ކަމަށްވާ މަންދިރާ ބޭދީ އާއި މޯނީ ރޯއީ އަނެއްކާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ދެ ތަރިން ވެސް ޗުއްޓީ ހޭދަކުރަނީ ސޮނެވާފުށި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި އެ މީހުން ހިއްސާކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް އައި މަންދިރާ، ފިރިމީހާ އާއި ދަރިފުޅާ އެކު އަލުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ކޮވިޑް-19 ގެ ސަބަބުން ކުރި ލޮކްޑައުން އަށް ފަހު ދަތުރުތައް ހުއްޓި، ޗުއްޓީއަކަށް ދެވޭނެ ގޮތެއް ވެސް ނެތުމުން ކުރީގެ ފޮޓޯތައް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް އަލުން ދަތުރުކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށް ބުނަމުް ދިއުމަށް ފަހުގަ އެވެ. އޭނާ ކުރީ ފަހަރު ޗުއްޓީ ހޭދަކުރީ ކުލަބް މެޑް ކަނިފިނޮޅު ރިސޯޓްގަ އެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ މޯނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ދަތުރުގައި ޗުއްޓީ ހޭދަކުރީ ހެރިޓަންސް އާރަށް ރިސޯޓްގަ އެވެ. މޯނީ، 35، ގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ “ބުރައްމަސްތުރާ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!