ޓެރެންސް ނޯރާގެ ގައިގައި ނަހަމަ ގޮތުގައި އަތްލި ކަމަށްބުނާ ވާހަކަތަކަށް ރައްދުދިނުމުން ނޯރާ ކުރި ކޮމެންޓު މިއޮތީ!

ސޮނީ އިން ގެނެސްދޭ ރިއަލިޓީ ޝޯ “އިންޑިއާސް ބެސްޓް ޑާންސާ” ގައި ވަގުތީ ޖަޖެއްގެ މަޤާމު އަދާކުރަމުން އަންނަ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީގެ ގައިގައި، އެ ޝޯގެ އެހެން ޖަޖެއް ކަމަށްވާ ޓެރެންސް ލުއިސް ނަހަމަ ގޮތުގައި އަތްލިކަން ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ވައިރަލްވުމާ ގުޅިގެން ޓެރެންސް އެއަށް ރައްދުދެމުން އިންސްޓަގްރާމް ހިއްސާކުރި ޕޯސްޓަށް ނޯރާ ކޮމެންޓު ކޮށްފިއެވެ.

ޓެރެންސް، 45، އިއްޔެ ހިއްސާކުރި ޕޯސްޓުން ފެންނަނީ ޝޯގެ މަންޒަރެއްގައި އޭނާގެ އަތްދަނދިޑމައްޗަށް ނޯރާ އުފުއްލާލާފައި ވަނިކޮށެވެ. އެއާއެކު ކެޕްޝަންގައި ލިޔެފައިވަނީ ކުރީގެ އިބުރަތްތެރި ވާހަކައެކެވެ. އޭގައި މައިގަނޑު ގޮތެއްގައި ކިޔައިދެނީ އަންހެނުންނަށް އިޚުތިރާމް ކުރާ ހާމުދުރުންގެ ވާހަކައެވެ. ބެލެވޭ ގޮތުގައި އެ ވާހަކައިން ޓެރެންސް އަންގައިދޭން ބޭނުންވަނީ އޭނާއަކީ ވެސް އަންހެނުންނަށް އިހުތިރާމް ކުރާ މީހެއް ކަމެވެ.

ނޯރާގެ ކޮމެންޓު

މި ޕޯސްޓަށްކުރި ކޮމެންޓުގައި 28 އަހަރުގެ ޒުވާން ނެށުންތެރިޔާ ވަނީ ޓެރެންސަށް ޝުކުރުއަދާކޮށްފައެވެ. “މި ޒަމާނަކީ ވީޑިއޯ އާއި ފޮޓޯ ބޭނުންގޮތަކަށް އެޑިޓު ކޮށްލެވޭ ޒަމާނެއް، އެކަމަކު އެކަމުން ތިބާއަށް އެއްވެސް އަސަރެއް ނުކުރީތީ ތިބާގެ ގަދަރުވެރިކަން ފެނިގެންދޭ. މިކަންވެސް އަދި ނިމޭނެ”، ނޯރާ ލިޔެފައިވެއެވެ.

މީސްމީޑިއާގައި މީގެ ދެދުވަސް ކުރިން ވައިރަލްވި ވީޑިއޯއިން ފެންނަނީ “އިންޑިއާސް ބެސްޓް ޑާންސާ” ގެ ތިން ޖަޖުން (ގީތާ، ޓެރެންސް އަދި ނޯރާ) ސްޓޭޖުމަތީގައި ސަފަކަށް ތިބެ ދެއަތް އުފުލައި ކޮންމެވެސް މީހަކަށް އިހުތިރާމު އަދާކުރާ މަންޒަރެވެ. ނަމަވެސް ޓެރެންސްގެ އަތް އުފުލާއިރު ޖެހިގެން ހުރި ނޯރާގެ ފޫކޮޅުގައި ޖެހޭތަން ފެންނައިރު، ބަޔަކު އެކަން ސިފަކުރީ ޓެރެންސް ގަސްދުގައި ކުރި ކަމެއްގެ ގޮތުގައެވެ. އަދި މި ވީޑިއޯއާ ގުޅިގެން މީމްތަކެއް ވެސް ހަދާފައި ވެއެވެ. ނަމަވެސް މިއީ ހަގީގަތުގައި އެޑިޓު ކޮށްފައި އޮތް ވީޑިއޯއެކެވެ. އަސްލު އެކަން ހިނގިގޮތް ފެންނަ ވީޑިއޯއަކުން ދައްކަނީ ޓެރެންސްގެ އަތް ނޯރާއާ ދުރުގައި ހުންނަ ތަނެވެ.

ވައިރަލް ވެގެން އުޅޭ ވީޑިއޯ

ގިނަ އައިޓަމް ލަވަތަކެއްގައި ނަށައިގެން މަޝްހޫރުވި ނޯރާ، “އިންޑިއާސް ބެސްޓް ޑާންސާ” ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަންފެށީ، ކުރިން އެ ޝޯގެ ޖަޖެއްގެ ގޮތުގައި އިން މޮޑެލް/ބަތަލާ މަލައިކާ އަރޯރާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!