އުމްރާއަށް މީހުން ގެންދަން އާ ކުންފުނިތަކަށް ހުއްދަދެނީ

އުމްރާ ދަތުރުތައް ފެށުމުގެ ކުރިން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ބޭނުންވާ އާ ކުންފުނިތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޢުމްރާގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާ ހުޅުވައިލުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ހައެއްކަ މަސްދުވަހުގެތެރޭގައި ޢުމްރާގެ އަޅުކަން އަދާކުރަން ސަޢޫދީއަށް ދިއުމުގެ ފުރުސަތު ލިބިފައިނުވީ ނަމަވެސް 03 ފިޔަވައްސަކަށް ބަހާލައިގެން ޢުމްރާގެ އަޅުކަމަށް ހުޅުވައިލުމަށް ސަޢޫދީން ނިންމާފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ މަގު ތަނަވަސްކުރަން މަސައްކަތްކުރަމުން ގެންދާކަމަށެވެ.

އެ ގޮތުން ޢުމްރާ ކުންފުނިތަކަށް އެންމެ އެދެވޭގޮތުގައި ފުރުސަތު ލިބިފައިނުވާތީ ޢުމްރާ ދަތުރުކުރަން ހުއްދަދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއްވެސް ފީއަކާނުލައި 01 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދަން ބޭނުންވާ އާ ކުންފުނިތަކަށް ހުއްދަދޫކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަޢޫދީ ސަރުކާރުން ބުނިގޮތުގައި ޢުމްރާގެ އަޅުކަމަށް ހުޅުވައިލާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި ގޮތުން ފުރަތަމަ ފިޔަވަހީގައި ފުރުސަތު ލިބޭނީ އެ ޤައުމުގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށްކަމަށް ސަޢޫދީން ވަނީ ނިންމާފައެވެ. މި ގޮތުން އޮކްޓޫބަރު 04 ގައި ފުރަތަމަ ފިޔަވަހި ހުޅުވައިލާނެއެވެ. އަދި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އިސްކަންދީގެން ޙަރަމްފުޅުގެ ޖާގައިގެ %30 ވާ ޢަދަދަށް ދުވާލެއްގެ މައްޗަށް 6000 ޢުމްރާވެރިންނަށް އަޅުކަން އަދާކުރެވޭނެކަމަށް އެ ޤައުމުން ބުނެއެވެ.

ދެވަނަ ފިޔަވަހީގައި ސަޢޫދީގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް ޢުމްރާގެ އަޅުކަން އަދާކުރުމަށާއި ދެ ޙަރަމްފުޅަށް ޒިޔާރަތްކޮށް ނަމާދުކުރެވޭގޮތަށް އޮކްޓޫބަރު 18 ވަނަ ދުވަހު ހުޅުވައިލަން އެ ޤައުމުން ވަނީ ނިންމާފައެވެ.

އެ ގޮތުން ރައްކާތެރިކަމުގެ މިންގަނޑުތަކަށް އިސްކަންދީގެން ޙަރަމްފުޅުގެ ޖާގައިގެ %75 ވާ ޢަދަދަށް ދުވާލެއްގެ މައްޗަށް 15000 ޢުމްރާވެރިންނަށާއި 40000 މީހުންނަށް އަޅުކަން އަދާކުރުމުގެ ފުރުސަތުލިބިގެންދާނެކަމަށް އެ ޤައުމުން ބުނެއެވެ.

ތިންވަނަ ފިޔަވަހީގައި ކޮވިޑުގެ ބަލިމަޑުކަން ދުނިޔެއިން ނެތިދިޔުން ރަސްމީކޮށް އިޢުލާނުކުރަންދެން ނުވަތަ ބަލި ފެތުރުމުގެ ނުރައްކާތެރިކަން ދަންދެން ސަޢޫދީގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި އެހެނިހެން ޤައުމުތަކުގެ ރައްޔިތުން ޢުމްރާގެ އަޅުކަންއަދާކުރުމަށާއި ދެ ޙަރަމްފުޅަށް ޒިޔާރަތްކޮށް ނަމާދުކުރެވޭގޮތަށް ނޮވެމްބަރު 01 ގައި ހުޅުވައިލަން ވަނީ ނިންމާފައެވެ. މި ގޮތުން ރައްކާތެރިކަމުގެ މިންގަނޑުތަކަށް އިސްކަންދީގެން ޙަރަމްފުޅުގެ ޖާގައިގެ %100 ވާ ޢަދަދަށް ދުވާލެއްގެ މައްޗަށް 20000 ޢުމްރާވެރިންނަށާއި 60000 މީހުންނަށް އަޅުކަން އަދާކުރުމުގެ ފުރުސަތުލިބިގެންދާނެކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!